ޝަހުމް އާއި ފަރިޔާޝް ޖަލުން ފިލުމަށް ޖަލުގެ 22 ތަނެއް ކީހާފައިވޭ: އުމަރު

ކ. މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ އިބްރާހީމް ޝަހުމް އާއި ފަރިޔާޝް އަހުމަދު ޖަލުން ފިލުމަށް ޓަކައި ޖަލުގެ 22 ތަނެއް ކީހާފައި ހުރި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު މިއަދު ވިދާޅުވީ ދެ ގައިދީން ފިލީ ފަސޭހަ ގޮތަކަށް ނޫން ކަމަށާއި އެމީހުން ފިލާފައި ވަނީ "ވަރަށް ހަނި މަގަކުން" ކަމަށެވެ. އެގޮތުން އެ ދެ މީހުން ފިލާފައި ވަނީ އެމީހުން ތިބި ގޮޅީގައި އެ މީހުން ތިބިކަން ދައްކުވައިދޭ އެއްޗެއް ހަދާފައި ބޭއްވުމަށް ފަހު އެހެން ގޮޅިއަކަށް ގޮސްގެން ކަމަށް އުމަރު ވިދާޅުވި އެވެ.
"އެމީހުން [ޝަހުމާއި ފަރިޔާޝް] ހޯދީ ނުކުމެވޭނެ ކުޑަ ކުޑަ އެގުޒިޓަކުން[ ހުޅުވުމެއް]. އެހެން މީހެއްގެ ގޮޅިއަށް ވަދެ ކީހައިގެން، މި މީހުން [ޝަހުމާއި ފަރިޔާޝް] ތިބި ގޮޅީގައި ޑަމީއެއް ބާއްވައިގެން. ފަސޭހައަކުން ނޫން ފިލީކީ. ބާވީސް ތަނެއް ކީހާލި. ބާވީސް ކީހުމެއް ކީހާލައިގެން ނުކުތީ. އެހެން ވީމާ އެއީ އެހާ އާދައިގެ ކަމެއް ނޫން [އެއީ]،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި މީހުން ފިލުން ނިމުމަކަށް ނުގެނެވޭނެ ކަމަށާއި ކިތަންމެ ހައި ސެކިއުރިޓީ ޖަލަކުން ވެސް ކުށްވެރިން ފިލައިގެން ދާނެކަމަށެވެ. ނަމަވެސް ޖަލުތަކުން ކުށްވެރިން ފިލުވުން ހުއްޓުވުން މަދު ކުރެވިދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"ޖަލުން ފިލާން ނިމުމަކަށް ނުގެނޭވެ. ޖަލުން ފިލާނެ އަބަދުވަސް. އެއީ ރާއްޖޭގައި އެކަންޏެއް ނޫން، ދުނިޔޭގައި އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެހެން. ފިލާ އަދަދު މަދުކުރުމާއި ފިލާ މީހުން ހޯދުން އެއީ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ. އެހެންވީމާ ޖަލުން ފިލުން ސުމަކަށް ނުގެނެވޭނެ. އެންމެ ހައި ސެކިއުރީޓީ ތަންތަނުގައި ވެސް ފިލައިގެންދާނެ. ސަބަބަކީ ޖަލުގައި ބައިތިއްބާފައި ވެސް މި ތިބެނީ އިންސާނުން. އެ މީހުން ކުރިއޭޓް ކުރާނެ [ހޯދާނެ] އެމީހުން ފިލަން ހަދާނެ ގޮތް. ޖަލު ބަލަހައްޓަން ތިބެނީ ވެސް އިންސާނުން އެމީހުން ހޯދާނެ ޖަލުން އެމީހުނަށް ނުފިލޭނެ ހުރިހާ ގޮތްތަކެއް،" އުމަރު ވިދާޅުވި އެވެ.
ޝަހުމާއި ފަރިޔާޝް ފިލުމާއި ގުޅިގެން މާފުށި ޖަލުން މީހުން ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެެ.
ޝަހުމާއި ފަރިޔާޝް ޖަލުން ފިލިކަން ޕޮލިސް އިންޓެލިޖެންސް މިދިޔަ ހުކުރު ދުވަހުގެ ރޭ އެނގުމާ އެކު ފުލުހުންނާއި ސިފައިން ކުރި މަސައްކަތުން އެ މީހުން ވަނީ މާލެ ތެރެއިން ހޯދައިފަ އެވެ. އޭގެ ތެރެއިން ފަރިޔާޝް ހައްޔަރުކުރީ އޭނާ ސިފަ ބަދަލުކޮށްގެން އުޅެނިކޮންނެވެ. އަދި ޝަހުމް ހައްޔަރުކޮށްފައި ވަނީ ގެސްޓް ހައުސް އެއްގައި އުޅެނިކޮންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ