ޕީޕީއެމްގެ ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގައި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވުސް (ޕީޕީއެމް) އިން ބުނެފިއެވެ.
ޕީޕީއެމް އިން މިހެން ބުނެފައިވަނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ނުރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާކަން ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.
ޕީޕީއެމް އިން ބުނެފަިއވަނީ، ޕާޓީގެ ރައީސް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިނަމަވެސް ޕާޓީގެ ހިންގުމުގެ ކަންކަން ގެންދާނީ ރައީސްގެ ބެއްލެވުމުގެދަށުން ކަމަށެވެ. އަދި ރައީސް ރަށުގައި ވަޑައިގެން ނޫޅުއްވާ ދުވަސްތަކުގައި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށެވެ. މީގެ އިތުރަށް ޕާޓީގެ ރައީސް އެނބުރި ވަޑައިގެން އަސާސީ ޤަވައިދުގެ 28ވަނަ މާއްދާގެ ށ ގައިވާ ގޮތުގެމަތިން، ޕާޓީގެ ރައީސްގެ ރިޔާސަތުގެދަށުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމް އިން އިތުރަށް ބުނެފައިވަނީ ހުސްވި ޖޫން މަހުގެ 30ވަނަ ދުވަހު އެޕާޓީގެ ރައީސް އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގެ މަސައްކަތް ފައްޓަވައި، އެމަސައްކަތުގެ ތެރެއިން ކަނޑައެޅިފައިވާ ޕާޓީގެ އެތެރޭގެ ނިޒާމްތައް އިސްލާހުކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އެގޮތުން ޕާޓީގެ ސައްޙަ މެންބަރުން ދެނެގަތުމާއި، ސައްޙަ ގޮފިތަކާއި ގޮފިތަކުގެ މަޤާމުތައް ކަށަވަރުކޮށް، ޕާޓީގެ ގުނަންތަކާއި ކޮމިޓީތަކުގެ ހާލަތު ދެނެގަނެ އެ މަސައްކަތްތަކަށް ދިމާވާ ފިއްތުންތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށެވެ.
މައުމޫން ނެތި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ