ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތަށް މެމްބަރު މުފީދު ޝުކުރު އަދާކުރައްވައިފި

ޤައުމުގެ އަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ޝުކުރު އަދާކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ޙުސައިން އާދަމް ބިލްޑިންގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވާޙީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މެމްބަރު މުފީދު ވިދާޅުވީ އަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުގެ އިތުރުން ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް ތަޢުލީމީ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް، ޒުވާނުންނަށް ފުރުޞަތު ހުޅުވާލައިގެން ފުލުހުންގެ މުއައްސަސާގެ ތަފާތު ގުނަންތަކުން ކުރިއަށްގެންދާ ކޯސްތަކާއި ޢަމަލީ ތަޖުރިބާ ދިނުމުގެ ޕްރޮގްރާމްތަކާއި ކޭމްޕްތައްފަދަ މަސައްކަތްތަކީ އަގުނުކުރެވޭފަދަ ބޮޑެތި ޚިދުމަތްތަކެއްކަމަށެވެ.
މުޖުތަމަޢު ބިނާކުރުމަށް ތަފާތު ނަންނަމުގައި އެކި މުނާސަބުތުތަކާ ގުޅުވައިގެން ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި މެމްބަރު މުފީދު ވަނީ މި ބައްދަލުވުމުގައިޝުކުރު އަދާކުރައްވާފައެވެ.
އޭގެ އިތުރުން، ށ. މިލަންދޫ ދާއިރާގައި ތަފާތު ގޮތްގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތަކަށްވެސް މެމްބަރު މުފީދުވަނީ ތަޢުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ށ. މިލަންދޫގައި ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް މިހާރަށްވުރެ ރަނގަޅު ޚިދުމަތެއް ދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ށ. މިލަންދޫގައި ފުލުހުންގެ މަރުކަޒެއް ބިނާކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ނަޒާހަތްތެރި ކަމާއެކު ރައްޔިތުންނާ ވީހާވެސް ގާތުން ދެވޭ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ބައްޓަންކުރުމަށް ތަފާތު ގޮތްގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި ރައްޔިތުންނާ އެކުއެކީ މަސައްކަތްކޮށްގެން ފުލުހުންގެ މަސައްކަތުގައި މިހާރަށްވުރެވެސް ރަނގަޅު ނަތީޖާތައް ނެރެވިދާނެކަމަށް ދެކެލައްވާ ކަމަށެވެ. އަދި މި ލަނޑުދަނޑި ޙާޞިލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަންވެސް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ