ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ "އަލްއުސްތާޛް  އަބްދުﷲ ހަމީދު" ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފިއެވެ. 
ޢަބްދުﷲ ހަމީދަކީ ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެއިގެ ތެރޭގައި އެއަރޕޯޓާއި ތަފާތު ނަންނަމުގައި ދިގު މުއްދަތެއްގައި ރާއްޖެތެރެ ހިންގެވުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި ޖަސްޓިސް މިނިސްޓަރުކަމާއި ތައުލީމީ ވަޒީރުކަމާއި ސީނިއަރ މިނިސްޓަރ ކަމުގެ މަޤާމު ފަދަ މުހިންމު މަޤާމުތައް ހިމެނެއެވެ.
އެމަނިކުފާނަކީ ދިގު މުއްދަތެއްގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒު ހިންގެވުމުގެ އިތުރުން ދިވެހިބަހާއި ޘަޤާފަތަށް އަގުހުރި ޚިދުމަތްތަކެއް ކުރި ދިވެހި ނާދީގެ ރައީސްކަން ވެސް ވަރަށް ގިނަ ދުވަހު ކުރައްވަވާފައިވާ ދިވެހި ބަހުގެ ފުންނާބު އުސް އުސްތާޛެކެވެ. 
ދިވެހި ބަހުގެ ޤަވާއިދަށް އަމިއްލައަށް ބަދަލުގެނެސް ނޫސް މަޖައްލާތަކުގައި ލިޔަން ފެށުމުން އެކަން ހުއްޓުވައި ބަހުގެ ހަމަތައް ހިފެހެއްޓުމަށް ޢަބްދުﷲ ހަމީދު ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 
ޢަބްދުﷲ ޙަމީދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ އެމަނިކުފާނުގެ ތައުލީމީ ވަޒީރުކަމުގައި ސްކޫލުތަކުގައި ނަމާދުކުރެވޭނެ ގޮތް ހަމަޖެއްސެވުމަށް ފެށްޓެވި މަސައްކަތްޕުޅާއި ދިނީ ގޮތުން ދަރިވަރުންގެ ހޭލުންތެރިކަން އިތުރުުކުރުމަށް ކުރައްވަމުން ގެންދެވި މަސައްކަތްތަކެވެ. 
ޢަބްދުﷲ ޙަމީދު އަވަހާރަވީ ހަރޓްއެޓެކެއް ޖެހިވަޑައިގަތުމުން ބެންގަލޫރުގެ ހޮސްޕިޓަލަކަށް އެޑްމިޓްކޮށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. 
އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 76 އަހަރެވެ. 
ޢަބްދުﷲ ޙަމީދު އަވަހާރަވިއިރު އެމަނިކުފާނުގެ 4 އަންހެން ބޭފުޅުންނާއި 7 ފިރިހެން ބޭފުޅުން އަދި ކާފަ ވިދާޅުވާ 23 ބޭފުޅުން އެބަތިއްބެވިއެވެ. 
ރާއްޖޭގެ އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހީން ޙަމީދު އާއި މައުމޫން ޙަމީދަކީވެސް ޢަބްދުﷲ ހަމީދުގެ ދެބޭފުޅުންނެވެ. އަދި ޙަމްދޫން ހަމީދަކީ ނޭޝަނަލް ޕްލޭނިންގ ދާއިރާއިން ދިގު މުއްދަތެއްގައި އިސް މަޤާމުތަކެއް އަދާކުރެއްވެވި ޚިދުމަތްތެރިއެކެވެ.
    
    އަލްއުސްތާޛް އަބްދުﷲ ހަމީދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ