ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެވުނީ ކޮންޓްރެކްޓް އުސޫލުން މީހަކު މެރުމުގައި ގާޒީ ބައިވެރިވި ކަމުގެ ތުހުމަތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާ ކުރި ޓެރަރިޒަމްގެ މައްސަލާގައި އެމަނިކުފާނު ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރި ހުލާސާ ބަޔާނެއްގަ އެެވެ. ނަމަވެސް ޝަރީއަތުން އެކަށީގެންވާ ފުރުސަތު ނުދިނުމުން އެ ބަޔާން ނިންމައި ޝަރީއަތުގެ މަޖިލީހަށް ވަނީ ހުށަނޭޅިއެވެ.
ނަޝީދުގެ ފަރާތުން ތައްޔާރު ކުރައްވާފައިވާ ހުލާސާ ބަޔާނުގައި ވިދާޅުވީ މީހަކު މެރުމުގެ ތުުމަތުގައި ޖަލުގައި ހުރި މީހެއްގެ މައްސަލައާ ގުޅޭ ލިޔުމެއް ހޮސްޕިޓަލުން ނުލިބޭކަމަށް ބުނެ އަބްދުﷲ ގާޒީ އޭނާ ދޫކޮށްލުމުން، އޭނާ އެހެން މީހަކު މެރިކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ފުލުހުންނަށާއި ހޯމް މިނިސްޓަރަށްވެސް އެކަން ސިފަކުރެވުނީ ސީދާ ކޮންޓްރެކްޓް މެރުމެއްގެ ގޮތުގައި ކަމަށް ހުލާސާ ބަޔާނުގައި ވެއެވެ.
"ވަޅިޖަހާ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، ވަޅިޖަހާ މީހާ އަށް ކޮންޓްރެކްޓް ދިން މީހާ މި ކޮންޓްރެކްޓްގެ ތެރޭގައި އަބްދުﷲ ގާޒީ ހިމަނައި، ވަޅިޖަހާ މީހާ ދޫކޮށްލުން އަބްދުﷲ ގާޒީގެ ދައުރެއް ކަމުގައި ހަމަޖެއްސީ. އަޅުގަޑަށް މައުލޫމާތު ލިބުނީ ވަޅިޖަހާ މީހާ ދޫކޮށްލިއިރު އޭނާ އޭރުވެސް ހުރީ މީހަކު މެރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައިކަން. އޭނާ ދޫކޮށްލުމަށް އަބްދުﷲ ގާޒީ ނިންމުމުން ދެން ފުލުހުންނަކަށް އޭނާ ހިފެހެއްޓޭކަށް ނެތް. އޭނާ ނުކުމެ އެހެން މީހެއް ގަޔަށް ވަޅި ޖަހައި އެހެން މީހަކު މަރާލީ. މަރުގެ ތުހުުމަތުގައި ހައްޔަރުކުރެވޭ އެހެން މީހުން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާއިރު، އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ދޫކޮށްލާފައިވަނީ ސީދާ އެ މގްްސަދަށްޓަކައި ކަމަށް ފުލުންގެ އިދާރާއިން ދެކި، އެ މައުލޫމާތު އަޅުގަނޑަށް އެގޮތަށް ދީފައިވޭ،" ނަޝީދުގެ ހުލާސާ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ބައެއް ފަނޑިޔާރުން ރައްޔިތުންގެ އުއްމީދުތަކަށް ހުރަސް އަޅަމުން، ކޮންޓްރެކްޓް ކިލިންގައި ބައިވެރިވެ ބައި އަޅަމުންކަމަށް، ފުލުހުންގެ ސިއްރު ތަހްގީގްތަކަށް ހާމަވެފައިވާ ކަމަށާއި އެހެންކަމުން އަބްދުﷲ ގާޒީ މައްސަލަަ ތަހުގީގުކޮށް ދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅަފައިވާނެ ކަަމަށް ނަޝީދުގެ ހުލާސާ ބަޔާނުގައި ވެއެވެ.
"އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފަސީހުގެ އަރިހުގައި އަޅުގަނޑު އެއްވެސް ހާލެއްގައި ދެންނެވީ ގާނޫނާއި ގަވާއިދާ ހިލާފަށް އެކަން ކުރުމަކަށް ނޫނ.ް ރާއްޖޭގައި ކަނޑައެޅިފައިވާ ގާނޫނީ ހަމަތަކުގެ ތެރެއިން އެކަން ކުރުމަށް. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ، ކަމާބެހޭ ފަރާތުގައި ވަކި ކަމެއްކުރާން ބުނުމުން ދެން އެކަމެއްހިންގާ ވުޒާރާތަކާއި އިދާރާތަކުން އެކަން ހިންގަން ޖެހޭނީ ގާނޫނީ ހަމަތަކުގެ މަތިން. ގާނޫނާ ހިލާފަށް ކަމެއް ކުރުމަށް ދުވަހަކުވެސް އެއްވެސް ފަރާތަކަށް އަޅުގަނޑު އަމުރުކޮށްފައެއް ނުވާނެ،" ނަޝީދުގެ ހުލާސާ ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދުގެ ހުލާސާ ބަޔާނުގައި ވިދާޅުވީ އަބްދުﷲ ގާޒީއާ މެދު ތުހުމަތު ކުރެވުނު ކަންކަމަށް ގާޒީ ފުލުސް އޮފީހަށް ހާޒިރުކުރުމަށް މަސައްކަތް ކޮށް ހާޒިިރުކުރެވޭ ގޮތް ނުވުމުން، ގާޒީ ހާޒިރު ނުކޮށް ތަހްްގީގު ހިންގޭން އޮތް މިންވަރަށް ތަހްގީގު ހިންގުނުއިރު، އެ ތަހްްގީގަށް ފެނުނީ އަބްދުﷲ ގާޒީއަކީ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަމަށެވެ.
އެހެންކަމުން އެވާހަކަ ނަޝީދުއަށްް ފުލުހުން އެންގުމުން، ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކުން ސަލާމަތް ވުމަށް ކުރަން ހުރި ކަންކަން ކުރުމަށް އޭރުގެ ހޯމް މިނިސްޓަރަށް އަންގާފައިވާނެ ކަމަށާއި އަދި އެއްވެސް އިރެއްގައި އެއްވެސް ބޭފުޅެއްގެ ގާތުގައި ވަކި ގޮތަކަށް ވަކިކަމެއްކޮށް، ވަކި ފިޔަވަޅެއް އެޅުމަށއަންގާފައެއް ނުވާނެ ކަމަށް ނަޝީދުގެ ހުލާސާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ނަޝީދުގެ ހުލާސާ ބަޔާން ނިންމާލަމުން ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ގަދަބާރުން ތަނަކަށް ގެންދަން ނިންމާފައި ނުވާނެ ކަމަށާއި އަދި ގާޒީއާ ގުޅޭ މައްސަލަތައް އެމަނިކުފާނާ ހިސާބަށް އައުމުން، އަަދުވެސް ކަންކުރަމުން ގެންދިޔައީ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެންގުން ކަމަށެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ފުލުހުންގެ އިދާރާއަށް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި އެތަންތަނުންނާއި ރައީސް އޮފީހުގެ ލިޔެކިޔުން ތަކުން ސާފުވާނެ ކަމަށެވެ.
ގާޒީ ހައްޔަރުކުރީ ކޮންޓްރެކްޓް އުސޫލުން މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތަށް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ