މަރުވި މީހުންގެ އަދަދު 4100 އަށް، ކަތަމަންޑޫ ރައްޔިތުން ރޭވެސް މަގުމަތީގައި

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމަށްފަހު ވެރިރަށް ކަތަމަންޑޫއާއި، ބިންހެލުމުގެ އަސަރުކުރި އެހެން ރަށްތަކުގެ ރައްޔިތުން ރޭވެސް ހޭދަކުރީ ފޭލިގެތަކުގައި މަގުތައް މަތީގައެވެ.
މިބިންހެލުމުގައި މަރުވި މީހުންގެ އަދަދު 4100 އަށްވުރެ މައްޗަށް އަރާފައިވާކަން މިހާރު ކަށަވަރު ވެފައިވާއިރު، މިއީ، މީހުން ސަލާމަތް ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އެނގުނު އަދަދެވެ.
ބިންހެލުމާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އަދި ވާސިލް ވެވިފައިވާ ނުވާ ސަރަހައްދުތަކަށް ދެވުމުން، މިބިންހެލުމުގައި މަރުވި މީހުންގެ އަދަދު، ކުއްލިއަކަށް އެތައް ގުނަ މައްޗަށް އަރައިގެން ދާނެކަމަށް ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
ނޭޕާލްގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮފިޝަލުން ވިދާޅުވަނީ، ބިންހެލުމުގައި ލިބުނު ގެއްލުންތައް ބޮޑުކަމުން، ވެރިރަށް ކަތަމަންޑޫގެ ރަށްބޭރުގައިވާ އެއްވެސް އަވަށެއްގެ ޚަބަރެއް އަދި ނުބެލޭ ކަމަށެވެ. އެހިސާބުތަކަށް ދަތުރުފަތުރު ކުރެވޭގޮތް އަދި ނުވާ ކަމަށެވެ. އެކަމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ބިންހެލުމުގައި ޒަޚަމްވި މީހުންގެ އަދަދު މިހާރުވަނީ 7500 އަށްވުރެ މައްޗަށް އަރާފައެވެ. ޒަޚަމްވެގެން ރިޕޯޓް ކުރަމުންދާ މީހުންގެ އަދަދުވެސް ހައްތަހާ މައްޗަށް ދާކަމަށް ކަމާބެހޭ ފަރާތްތަކުން އަންގައެވެ. މުވާސަލާތީ ގުޅުންތައް ވަނީ ކެނޑިފައެވެ.
ބިންހެލުމުގެ ސަބަބުން އެތައްހާސް ބައެއްގެ ގެދޮރު ސުންނާފަތި ވެފައިވާއިރު، ބޯފެނާއި ކާނާއަށް ޖެހިދާނެ ކަމުގެ ބިރުވެސް މިހާރު ވަނީ އުފެދިފައެވެ. އެކަމާހެދި، ކާތަކެތި ހޯދުމަށާއި، ޕެޓްރޯލް ސްޓޭޝަންތައް ދޮށުގައި މީހުން ކިޔޫޖެހި، އަސާސީ ސާމާނު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޚަބަރު ލިބެއެވެ.
ވެރިރަށުގައި ފެނާއި ކަރަންޓް ކެނޑި، ގެދޮރު ސުންނާފަތި ވެފައިވުމާއި، ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރަށް ކަތަމަންޑޫގެ އެތައްހާސް ބަޔަކު ވެރިރަށް ދޫކޮށް އެހެން ހިސާބުތަކަށް ދަތުރު ކުރަމުންދާއިރު، ކަތަމަންޑޫގައި މަސައްކަތްކުރާ ނޭޕާލްގެ އެހެން ހިސާބުތަކުގެ މީހުންވެސް، އާއިލާގެ ހާލު ބެލުމަށްޓަކައި ކަތަމަންޑޫ ދޫކޮށް ދަތުރު ފަށާފައިވާކަމަށް ނޭޕާލުން ލިބެމުންދާ ރިޕޯޓްތައް ބުނެއެވެ.
ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތައް ނޭޕާލަށް އޮހެން ފަށާފައިވާއިރު، އޭގެ ތެރޭގައި ބޭހާއި ކާނާއާއި، ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވާ ސާމާނުވެސް ހިމެނެއެވެ. އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައިވެސް ދުނިޔޭގެ އެކި ގައުމުތަކުން ތަޖުރިބާކާރުންގެ ޓީމުތައް ވަނީ ނޭޕާލަށް ގޮސްފައެވެ.
އދގެ ވޯރލްޑް ފޫޑް ޕްރޮގްރާމުން ދަނީ ނޭޕާލްގައި ކާނާގެ އެހީގެ ބޮޑު އޮޕަރޭޝަނެއް ފެށުމަށް ތައްޔާރު ވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، 80 ހާސް މީހުންނަށް ތިންމަސް ދުވަހަށް ވާވަރަށް އިއްޔެ ބޭސް ފޮނުވާފައި ވާކަމަށެވެ.
ޔޫ.އޭ.އީގެ އަމީރު ފޮނުއްވާ ކާބޯތަކެތީގެ މަތިންދާ ބޯޓްގައި އދގެ ރެފިއުޖީ އޭޖެންސީން ފޮނުވާ ރަޖައާއި، ސޯލާރ ފާނޫޒުވެސް މިއަދު ނޭޕާލަށް ދާނެކަމަށް ޚަބަރު ލިބެއެވެ. އެނޫންވެސް ދުނިޔޭގެ އެތަންމިތަނުން އެހީތައް ނޭޕާލަށް ޖަމާވަމުން އެބަދެއެވެ.
ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ނޭޕާލަށް އައި ބިންހެލުމުގެ އަސަރު ހަމިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ