ކޯޓުން އަމުރު ކުރުމުންވެސް ޓެރަރިސްޓުންގެ ލިސްޓުން ހަމާސްގެ ނަން ނުނެގި

ޔޫރަޕްގެ އިއްތިޙާދުން ގެންގުޅޭ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓުން ފަލަސްޠީނުގެ ޙަމާސް ޖަމާޢަތް އުނިކުރުމަށް ޔޫރަޕްގެ އިއްތިޙާދުގެ ދެވަނައަށް އެންމެ މަތީ ކޯޓުން އަމުރު ކުރުމުންވެސް އެކަން ކުރަން އީ.ޔޫއިން ދެކޮޅު ހަދައިފިއެވެ.
ޓެރަރިސްޓް ލިސްޓުން ޙަމާސް އުނިކުރުމަށް ޔޫރަޕްގެ ޖެނެރަލް ކޯޓުން އަމުރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއަމުރުގައި ބުނެފައިވަނީ، ފަލަސްޠީނުގެ ޙަމާސް ޖަމާޢަތް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ލިސްޓް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި، އެކަން ކޮށްފައިވަނީ މީޑިއާއާއި، އިންޓަރނެޓުން ފަތުރަމުންދިޔަ ސާބިތު ނުހިފޭ މަޢުލޫމާތު ތަކެއްގެ މައްޗަށް ބުރަވެތިބެ ކަމަށެވެ.
އީ.ޔޫއިން ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ވިންގު ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ލިސްޓްކުރީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާއަށް ދެވުނު ހަމަލާއާ ގުޅުވައިގެންނެވެ. އަދި އީ.ޔޫއިން ޙަމާސްގެ ސިޔާސީ ވިންގު ބްލެކްލިސްޓްކުރީ 2003 ވަނަ އަހަރުއެވެ.
ޓަރަރިސްޓް ލިސްޓުން ޙަމާސް އުނިކުރަން ކޯޓުން ކުރި އަމުރު އީ.ޔޫގެ ރިޔާސަތު ބަލަހައްޓާ ބްރަސަލްސްއިން މިހާރު ވަނީ އިސްނިޢުނާފީ ކޯޓަށް ހުށަހަޅާފައެވެ.
ޔޫރަޕިއަން ކައުންސިލްގެ ތަރުޖަމާނު ސުސާން ކީފަރ ކުރި ޓްވީޓެއްގައި ބުނެފައިވަނީ "އިސްތިޢުނާފީ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޙަމާސް ލިސްޓްގައި އޮންނާނެ" ކަމަށެވެ. އިސްތިޢުނާފީ މަރްޙަލާ އަހަރަކަށް ނުވަތަ ދޮޅު އަހަރަށް ދެމިގެން ހިނގައިދާނެ ކަމަށް ބުނެވެއެވެ.
އީ.ޔޫގެ ކަޅު ލިސްޓުން ޙަމާސް އުނިކުރަން އީ.ޔޫ ދެކޮޅު ހެދިނަމަވެސް ފަލަސްޠީނުގެ "ހޮލީ ލޭންޑް ފައުންޑޭޝަން ފޮރ ރިލީފް އެންޑް ޑިވެލޮޕްމަންޓް" ޖަމާޢަތާއި މިސްރުގެ "އަލް ތަކްފީރް އެންޑް އަލް ހިޖްރަ" ޖަމާޢަތް އީ.ޔޫގެ ޓެރަރިސްޓް ލިސްޓުންވަނީ އުނިކޮށްފައެވެ. އީ.ޔޫއިން ބުނެފައިވަނީ، އެޖަމާޢަތްތައް ލިސްޓްގައި ހިމަނަން އެދުނު ޤައުމުތަކުގެ ވިސްނުން ބަދަލުވީ ކަމަށެވެ.
އެކަމަކު އީ.ޔޫގެ ޖެނެރަލް ކޯޓުން އަމުރު ކުރުމުންވެސް ޙަމާސް ލިސްޓުން އުނިކުރަން ދެކޮޅު ހަދާ ސަބަބެއް ހާމަ ކޮށްފައެއް ނުވެއެވެ. އީ.ޔޫއަށް ރައްދު ދެމުން ޙަމާސްއިން ބުނެފައިވަނީ މިއީ އީ.ޔޫގެ "ގޮތެއްފޮތެއްނެތް" ޢަމަލެއް ކަމަށެވެ.
ޙަމާސް ޖަމާޢަތަކީ 2007 ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ޖަމާޢަތެވެ.
ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓްގައި ޙަމާސް ހިމަނާފައި އޮތުމުގެ ސަބަބުން، މެދުއިރުމަތީގެ ސުލްޙައިގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރުމަށް ޔޫރަޕްގެ އިއްތިޙާދުން ކުރާ މަސައްކަތަށް ވަނީ ހުރަސްތަކެއް ކުރިމަތި ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ