އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ރާއްޖެ "މި އޮތް ގޮތަށް ދެމިނުއޮތުން" ވެސް އެކަށީގެންވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އައްބަދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
~
މިސްރުގައި ކިޔެވި ކުދިންތަކާ ބައްދަލު ކުރެއްވުމަށް ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން މިރޭ ވިދާޅުވީ ރިޔާސީ އިންތިހާބަކީ "ސިޔާސީ އިމްތިހާނެއް" ނޫން ކަމަށާއި އެއީ "ގައުމީ އިމްތިހާނެއް" ކަމަށެވެ.
ގައުމީ އިމްތިހާނުން ފާސްވާން ޖެހޭ ކަމަށާއި ރިޔާސީ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގެ ދެމިއޮތުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތާއި އިސްލާމްދީން ހިމާޔަތް ކުރެވިފައި އޮންނާނެ މިންވަރު އެނގިގެންދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ރިޔާސީ އިންތިހާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެ އިންތިހާބަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވޯޓު ދެއްވުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.
"މި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖެ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވޭ، ރާއްޖެ މި އޮތް ގޮތަށް ދެމި ނުއޮތުމުގެ ފުރުސަތު ވެސް އެބައޮތް،" ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާގެ (ނޣޢވ) އިންޒަތް ލިބިވަޑައިގެންފައިވާ މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ މުއްސަނދި ކަމާއި އިސްލާމް ދީން ހިމާޔަތްކޮށް ގައުމީ އާދަކާދަތައް ރައްކާތެރިކުރެވޭނީ ކުރެވޭނީ ހަމައެކަނި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވާ އަބްދުﷲ ޔާމިންް އަބްދުލްގައްޔޫމަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު މިހެން މި ދަންނަވަނީކީ ޕީޕީއެމްގެ ރައީސަކީ އަޅުގަނޑު ކަމަށްވާތީއަކީ ނޫން. އަދި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓަކީ އަޅުގަނޑުގެ އެއްބަފާ ކޮއްކޮ ކަމަށްވާތީވެއެއް ނޫން. އެމަނިކުފާނުގެ ނަންފުޅަކީ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ކަމަށްވާތީ ވެސް ނޫން. އަޅުގަނޑު މިހެން މި ދަންނަވަނީ މިކަމުގެ މުހިއްމު ކަމުން،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ޑިމޮކްރަޓިކް މުއައްސަސާތަކުގެ ވާޖިބު އަދާ ކުރާތަނެއް ނުފެންނަ ކަމަށާއި އެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ރާއްޖޭގައި އާންމުވެފައިވާ ހަމަނުޖެހުން ހުއްޓުވައި ދެމެހެއްޓޭނެ ވެރިޔަކު މިގައުމަށް ބޭނުންވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަން ކުރެވޭނީ ޕީޕީއެމްގެ ޓިކެޓްގައި ރައީސް ކަމަށް ވާދަކުރައްވާ އަބްދުﷲ ޔާމިން އާއި އޭނާގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިސްރުގައި ކިޔަވައިގެން ރާއްޖޭގެ ވަޒީފާތަކުގައި ތިބި ކުދިންނާއި މިހާރު ވެސް ކިޔަވަމުންދާ 30 އަށް ވުރެ ގިނަ ކުދިން ބައިވެރިވި އެވެ. އަދި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި އެ މަނިކުފާނުގެ ހަތަރު ބޭފުޅުންގެ އިތުރަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ނަތީޖާ ނުކުންނަ ގޮތަކުން ރާއްޖެ މި ގޮތަށް ދެމިނުއޮތުން އެކަށީގެންވޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ