ނައިޓް މާކެޓް ހަވީރު ގަޑީގައި ވެސް ބާއްވަން ފަށައިފި

މިނިވަން ދުވަހާ ދިމާކޮށް އާންމުކޮށް ބާއްވަމުން އަންނަ ނައިޓް މާކެޓްގެ ބާޒާރު މިފަހަރު ހަވީރު ގަޑީގައި ވެސް ބާއްވަން ފައްޓައިފި އެވެ.
ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު މިއަދު ވިދާޅުވީ މިފަހަރުގެ ނައިޓްމާކެޓް ބާއްވާ ތަން، ސުނާމީ ބިނާ ސަރަހައްދު އޮންނަނީ ބަންދުކޮށްފައި ކަމުން، ގިނަ ވިޔަފާރިވެރިން ހަވީރު ގަޑީގައި ގޮސް އެމީހުންގެ ވިޔަފާރި ފަށަނީ ކަމަށާއި އަދި އެއީ މަނާކަމަކަށް ނުވާތީ ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވެސް އެކަން މަނާ ނުކުރާ ކަމަށެވެ.
އަދީބު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ހުޅުވި ނައިޓްމާކެޓްގެ ރަސްމީ ގަޑިއަކީ ރޭގަނޑު 8:00 ން މެންދަމު 12:00 ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 12 ޖަހަންދެން މާކެޓް ހުންނަނީ ހުޅުވައިފަ އެވެ.
އަދީބު ވިދާޅުވީ މި ފަހަރުގެ ސްޓޯލްތަކުގައި ގިނައިން ހުންނަނީ އެއްވައްތަރެއްގެ މުދާ ކަމަށާއި މީހުން މުދާ ގަންނަނީ ވަރަށް ބޮޑަށް އަގަށް ބަލައިގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިފަހަރުގެ މާކެޓަށް އެހެން އަހަރުތަކާ ހިލާފަށް އަތޮޅުތަކުން މީހުން ޒިޔާރަތް ކުރާ ކަމަށާއި އަދި މާލޭގައި އުޅުއްވާ "ބޮޑެތި" ބޭފުޅުން ވެސް މާކެޓަށް ވަޑައިގަންނަވާ ކަމަށެވެ.
"މިފަހަރުގެ ނައިޓްމާކެޓަށް މީހުން ޒިޔާރަތް ކުރަމުން ދަނީ މާލޭން އެކަންޏެއް ނޫން. މިފަހަރު އަތޮޅުތަކުން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޒިޔާރަތް ކުރަމުން. އަދި މާލޭގައި ދިރިއުޅުއްވާ ބޮޑެތި ބޭފުޅުން ވެސް މިފަހަރުގެ ނައިޓްމާކެޓަށް ޒިޔާރަތް ކުރަމުން އަންނަނީ،" ރޯދަ މަސް ފެށެން ތިން ހަފުތާއަށް ވެފައި ވަނިކޮށް ހުޅުވި ހުޅުވި ބާޒާރާ ބެހޭ ގޮތުން އަދީބު ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހަޒާންދާރު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ބާޒާރަށް ޒިޔާރަތް ކުރާ މީހުންގެ އަހުލާގު ރަނގަޅު ކަމަށާއި އަދި މިހާތަނަށް މާ ބޮޑެތި މައްސަލަތަކެއް ދިމާވެފައި ނުވާ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އަދި ރެއަކަށް ވުރެ ރެޔަކު ބާޒާރަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުން ކަމަށާއި އެހެން ކަމާ އެކު ސިކިއުރިޓީ ބެލެހެއްޓުމަށް 65 ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާޒާރު ބޭއްވުމަށް ކަނޑައަޅާފައި އޮތީ، ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުނި ގޮތުގައި މި މަހު 10 އިން 20 އަށް، 10 ދުވަހު އެވެ.
އެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވޭތޯ ދެންނެވުމުން އަދީބު ވިދާޅުވީ، އެކަމަށް ވަރަށް ގިނަ ބޭފުޅުން އެދިލައްވަމުން އަންނަ ކަމަށާއި ނަމަވެސް ގޮތެއް ނިންމެވޭނީ މާލޭ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ނައިޓްމާކެޓް ރޭތަކުން ރެއެއް ކެންސަލް ކުރަން ޖެހިއްޖެ ނަމަ އޮތީ އެރެއަށް ރެއެއް އިތުރު ކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ