ސިޔާސި މަސްރަހަށް އަންނަ ކޮންމެ ލޮޅުމެއް ލާމަރުކަޒީ ނިޒާމަށް އަންނަމުންދޭ - އުމަރު

ރާއްޖެގެ ސިޔާސި މަސްރަހަށް އަންނަ ކޮންމެ ލޮޅުމެއް ލާމަރުކަޒީ ނިޒާމަށް އަންނަމުންދާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމަށް 4 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖެގެ ސިޔާސި މަސްރަހަށް އަންނަ ކޮންމެ ލޮޅުމެއް ލާމަރުކަޒީ ނިޒާމަށް އަންނަމުންދާ ކަމަށާއި އެހެންކަމުން މިނިޒާމުގެ މުހިއްމު ކަމާއި މީގެން ކޮށްދޭ ހުރިހާ ފައިދާތަކާއި އެއްވަރަށް މީގެން ލިބޭ ގޯސް ނަތީޖާތައް ވެސް އާންމުންނަށް އެނގިގެންދިއުން ކަމަށެވެ.
އަދި ދައުލަތުން ކައުންސިލްތަކަށް ދޫކޮށްފައި ހުންނަ އިމާރަތްތަކާއި ތަކެތި ސިޔާސީ ބޭނުން ތަކަށާއި އަމިއްލަ ކަންކަމަށް ބޭނުންކުރަނީ ލާމަރުކަޒީ ނިޒާމަށް އަހުލުވެރި ނުވާތީ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
"ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ހިދުމަތް ރައްޔިތުންނަށް ފޯރިކޮށްދިނުމަށް ބޭނުންކުރެވޭ އެއްފަށަލަ. ރައްޔިތުންނާ އެންމެ ގާތުން މިހިދުމަތް ދިނުމަށްޓަކައި ބޭނުންކުރެވޭ އެއްފަށަލަ. ބައެއްފަހަރު ކައުންސިލްގެ ބެލުމުގައި ހުންނަ ސަރުކާރުގެ ވަސީލަތްތައް ސިޔާސީ ބޭނުންތަކަށް ބޭނުންކުރެވޭ. މިއީ އެއްގޮތަކަށްވެސް ކުރަން އެކަށީގެންވާ ވަރުގެ ކަމެއް ނޫން. މިއީ މިނިޒާމަށް އަހުލުވެރި ނުވާތީ ވާގޮތް." މިނިސްޓަރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި "ކަންގަތި" ގެ ނަމުގައި ހަތަރު މަހުން އެއްމަހު ނެރޭ ނޫސް މަޖައްލާ ނެރެދެއްވަ އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ޑރ.މުޙާއްމަދު ޖަމީލު އަހްމަދެވެ.
އަދި މިރަސްމިއްޔާތުގައި މާޗް މަހުގެ 9-10 ބޭއްވި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މާހާސިންތާގެ ނިންމުން ހުށަހަޅުއްވާފައިވެއެވެ. އަދި ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކަސް އިފްތިތާހް ކޮށްދެއްވީ ވެސް ޑރ. މުޙާއްމަދު ޖަމީލު އަޙްމަދެވެ.
މިރަސްމިއްޔާތުގައި ލާމަރުކަޒީ ނިޒާމަށް 4 އަހަރު ފުރުމުން ދިވެހި ބަހުގެ އެކަޑަމީއާއި ގުޅިގެން ބޭއްވި ބަހުސްގެ ބައިވެރިންނަށް ހަނދާނި ލިޔުން ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ