ހިޔާލުފާޅު ކުރުމަށް ހުރަސް އަޅައި މީހުން ބަންދުކުރުން ހުއްޓުވަން މައުމޫން ގޮވާލައްވައިފި

ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ މިނިވަންކަން ސަރުކާރުން ހުރަސް އަޅައި މީހުން ބަންދު ކުރަމުންދާތީ އެކަން ހުއްޓުވަން މަސައްކަތް ކުރަން ޕީޕީއެމްގެ ވަގުތީ ރައީސް މައުމޫން އަބުދުލް ގައްޔޫމް ގޮވާލައްވައިފި އެވެ. މައުމޫން ވިދާޅުވީ ސަރުކާރުން އެކަންކަން ކުރަނީ ގާނޫނު އަސާސީ އާއި ގާނުނުތަކާއި ހިލާފަށް ކަމަށެވެ.
ޕީޕީއެމަށް މެންބަރުން އިތުރު ކުރެއްވުމަށް ބ. އޭދަފުށީ މަލްޓި ޕާޕަސް ބިލްޑިންގުގައި ރޭ ބޭއްވި ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ތިން ބާރު ވަކިކުރެވިފައިވާ ގަނޫނު އަސާސީއަކީ ޒަމާނީ ގާނޫނު އަސާސީއަކަށް ވިޔަސް ކަންހިނގަނީ ޑިމޮކްރަސީގެ ކަންތައް ހިނގާ އުސުލުން ނޫން ކަމަށެވެ.
"އެހިނގާ ކަންތައް ތަކަކީ ދިވެހިން ގަބޫލުކުރާ ކަންތައްތައް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަދި ރައްޔިތުންނަށް ގަބޫލު ކުރޭވޭފަދަ، އުއްމީދުކުރެވޭ ފަދަ ބަދަލެއް ދެން ގެނެވޭނީ ޕީޕީއެމާއި އެ ޕާޓީއާއި ގުޅިގެން މަސައްކަތްކުރައްވާ ފަރާތްތަކަށް އެކަނި،" މައުމޫން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޕީޕިއެމް އުފެއްދި މަގުސަދާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމް އުފެއްދީ އެއްވެސް މީހަކާ ދެކޮޅަށް ނޫން ކަމަށާއި އެ ޕާޓީގެ މަގުސަދަކީ ދިވެހި ގައުމަށް ހިދުމަތް ކުރުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުން ކަމަށެވެ.
ކުރީގެ ރައީސް ވިދާޅުވީ އެމަނިކުފަނުގެ 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރު ތަރައްގީގެ މަސައްކަތައް ހުރިހާ އަތޮޅުތަކުގައި ކުރިއަށް ގެންދެވި ކަމަށާއި ހާއްސަ ގޮތެއްގައި އޭދަފުށިން އެ ތަރައްގީގެ ވަރަށް ގިނަ ކަންތައްތަކެއް ފެނިގެން ދިއުމަކީ ވަރަށް އުފާކުރަށްވާ ކަމެއްކަމަށެވެ.
އޭދާފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މައުމޫން ވަނީ މިއަދު މެންދުރުވަނީ މާލެ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ