އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްޗަށް ކުޅަ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އިމްރާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިރޭ ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އިމްރާން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރީ މި މައްސަލައިގެ ބާވަތުންނާއި، ކަން ހިނގާފައިވާ ގޮތަށާއި މައްސަލައިގައި ދައުލަތުން ހުށަހެޅި އިންޓަލް ރިޕޯޓަށް ބެލުމަށްފަހު ފަހުގައި އިމްރާން ބަންދުގައި ބަހައްޓަން ފެންނާތީއެވެ.
އިމްރާން ބަންދުގައި ބަހައްޓަން އެދުމުން ދައުލަތުގެ ވަކީލް އައިޝަތު ފަޒްނާ ވިދާޅުވީ ޝަރީއަތް ނިމެންދެން އިމްރާން ބަންދުގައި ބަހައްޓަން ބޭނުންވަނީ އެއީ މައްސަލައިގެ ބާވަތުން މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ފެންނާތީއެވެ.
ދައުލަތުގެ ވަކީލާ ވަނީ، އިމްރާން ތަހުގީގަށް ބަންދު ކޮށްފައި ހުރި އިރު, އިމްރާންއަކީ މުޖުތަމައުއަށް ހުރި ނުރައްކަލެއް ކަން ހައި ކޯޓުން ވެސް ބުނެފައިވާކަން ފާހަގަކުރައްވާފައެވެ.
މިކަމާއި ގުޅިގެން އިމްރާންގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އިމްރާންގެ ބަލި ހާލަތު ހުރި ގޮތުން އިމްރާން ގޭ ބަންދަށް ބަދަލު ކުރުމަށް ހައި ކޯޓުން ވެސް އަމުރު ކުރިކަން ފާހަގަކުރައްވާފައެވެ.
ދެފަރާތުގެ ވާހަކަތަކަށް ފަހު އިސް ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ހައި ކޯޓުން ނެރުނު ހުރިހާ އަމުރަކީ ތަހުގީގު ކުރިއަށް ދިޔަ އިރު ބަންދުގައި ބެހެއްޓުމާއި މެދު ނެރެފައިވާ އަމުރުތައް ކަމަށާއި މިއީ ޝަރީއަތުގެ މަރުހަލާ ކަމަށެވެ. އަދި މިއީ ވަރަށް ތަފާތު ދެ މަރުހަލާ ކަން ގާޒީ ވަނީ ފާހަގަ ކުރައްވާފައެވެ.
އިމްރާން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާއިރު އޭނާ ވަނީ ޓެރަރިޒަމްގެ ދައުވާއަށް ވަނީ އިންކާރު ކުރައްވާފައެވެ.
ދައުލަތުން އިމްރާންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ މެއި އެއް ވަނަ ދުވަހު "އަނިޔާވެރިކަން ނިންމުމަށް" ކަމަށް ބުނެ މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދެއްކުމުން މުޒާހަރާގެ ބައިވެރިން، ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ވަދެ އަމަން ބަލަހައްޓާ ފަރާތްތަކާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާތީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން އިމްރާންއަށް ޓެރަރިޒަމްގެ ދައުވާ ކުރާ ކަމަށެވެ.
އިމްރާން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރާ ގުޅިގެން އޭނާ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވަނީ ރޭ 22:45 ހާއިރުއެވެ.
މިދިޔަ މަހުގެ 1 ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން އިމްރާންގެ އިތުރުން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އާއި އެ ޕާޓީގެ ސޮބާހް ރަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. ނަމަވެސް އަމީން އާއި ސޮބާހު މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައިއެވެ.
މުޒާހަރާގައި ހައްޔަރުކުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްސަލާގައި އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.
ސޮބާހާއި އިމްރާން އަދި އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެއިން ކޮންމެ މީހަކަށްވެސް އަންނާނެ އެވެ.
ޝަރީއަތް ނިމެންދެން އިމްރާން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ