ނަޒާހާ އުމުރަށް ޖަލަށް ލާން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ކުރީގެ ފިރިމީހާގެ ގަޔަށް ވަޅި ހަރައި މަރާލުމުގެ ކުށް ހ. ބައިކަނޑިގޭ
މަރިޔަމް ނަޒާހާ 21، ގެ މައްޗަށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލުމަށް
ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދު ކޮށްފި އެވެ.ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ނަޒާހާގެ މައްޗަށް ސާބިތުވާ
ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އޭނާ އުމުރަށް ޖަލަށް ލުމަށް
ހުކުމްކުރީ އޯގަސްޓް 7، 2011ގަ އެވެ.މއ.
އެދުރުގޭ ހަސަން ޝާހިދު (ޝާޑު) އަށް ވަޅިއަކުން ނަޒާހާ ހަމާލާދިން
ކަމަށާއި އަދި އޭނާ މަރުވެފައި ވަނީ، އެ އަނިޔާގެ ސަބަބުން ކަމަށް
ދައުލަތުން ބުނެފައިވާ ވާހަކަތަކަށް، އޭނާ ހައި ކޯޓުގަ އާއި ކްރިމިނަލް
ކޯޓުގައި އިއުތިރާޒް ނުކުރާ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެ އެވެ. އަދި
ޝާޑަށް ހަމަލާދީފައި ވަނީ އޭނާ މަރާލުމުގެ ގަސްތެއް އޮވެގެން ނޫން ކަމަށް
ބުނި ނަމަވެސް އެކަން ޝަރީއަތައް ސާބިތުކޮށްދެވިފައި ނުވާ ކަމަށް
ހުކުމުގައިވެ އެވެ. ނަޒާހާ ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ  ޝާޑަށް
ހަމަލާދެވުނީ، އޭރު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން
ނަފްސާނީ ހާލަތެއްގައި ހުރެގެން ކަމަށެވެ. ގަސްތުގައި މީހަކު
މެރުމުގެ ކުށް ނަޒާހާގެ މައްޗަށް ސާބިތުވޭތޯ ޝަރީއަތުން ބެލިއިރު، އެ ކުށް
މީހެއްގެ މައްޗަށް ސާބިތުވާނެ ހުރިހާ ރުކުނެއް ފުރިހަމަ ވާކަމަށް ވެސް
ބުނެފައިވެ އެވެ. ގަސްތު މަރެއްގައި ފުރިހަމަވާން ޖެހޭ ތިން ރުކުނެއް ވެ
އެވެ. އެއް ކަމަކީ މަރުވި މީހާ އަކީ ލޭގެ ރައްކާތެރިކަން ލިބިގެންވާ،
ދިރިހުރި އިންސާނަކަށް ވުމެވެ. ދެވަނަ ރުކުނަކީ އެ މީހާ މަރުވީ ކުށުގެ
އަމަލު ހިންގި މީހާގެ އަމަލުގެ ސަބަބުން ކަމުގައިވުމެވެ. އަދި ތިންވަނަ
ރުކުނަކީ އަމަލު ހިންގި މީހާގެ ގަސްތަކީ މީހަކު މެރުން ކަމަށް ވެފައި
އޮތުމެވެ. ޝާޑަށް ހަމަލާ ދިނީ ދިފާއު ވުމަށް ކަމަށް ނަޒަހާ
ބުނާއިރު، އެ ހަމަލާދިން ވަގުތު، ޝާޑު ނަޒާހާ އަށް ހަމަލާދީ އަނިޔާކުރުން
ފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ޝަރީއަތުން
ފާހަގަކޮށްފައިވެ އެވެ. އަދި ޝާޑުގެ ބުރަކައްޓަށް ހަރާލި ވަޅީގައި
ގާތްގަނޑަކަށް ފަސް އިންޗި ހުރިއިރު ނަޒާހާ އެ އަމަލު ހިންގީ ޝާޑު މެރުމަށް
ނޫން އެހެން ގަސްތެއް އޮވެގެން ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް
ފަނޑިޔާރުންގެ ނިންމުގައި ކަނޑައަޅުއްވާފައިވެ އެވެ. ޝާޑުގެ
ވާރިސުންގެ ތެރެއިން އެންމެ މީހަކު ނޫނީ، އެންމެން ވަނީ ނަޒާހާގެ ކިބައިން
މަރުގެ ދިޔަ ވެސް އަދި މަރަށް މަރު ވެސް ހިފަން ބޭނުން ނުވާ ކަމަށް ބުނެފަ
އެވެ. އެހެން ކަމުން އޭނާގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައެޅިދާނެ
ކަމަށާއި އަދި އުމުރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމަކީ ވެސް
މައްސަލައިގެ ބާވާތުން ކުރެވިދާނެ ހުކުމެއް ކަމަށް ހައި ކޯޓުގެ
ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. ޖެހި ޖެހިގެން ދެ މަސް ދުވަހު
ރޯދަ ހިފުމަށާއި އުމަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ
ތައުޒީރީ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އުމަަރަށް ޖަލަށް
ލުމަށް ކޮށްފައިވާ ހުކުމް ލުއިކޮށްދިނުމަށް ނަޒާހާ އެދިއްޖެ ނަމަ، އެކަން ކޮށްދެވިދާނެ ކަމަށްް ވެސް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ