ދިއްގަރު ދާއިރާގެ ގޮނޑިއަށް ޝައުގުވެރިވޭ: އަލީ ޒާހިރު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް އަދާލަތު ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ. ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާކަން ކަނޑައަޅައި، އެ ދާއިރާގެ
މެމްބަރު އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެންނެވެ. އެހެން ނަމަވެސް ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އަދި ހުޅުވައެއް ނުލަ އެވެ. އަލީ ޒާހިރު "ހަވީރަ"ށް ވިދާޅުވީ ދިއްގަރު ދާއިރާގެ ގޮނޑި އަށް ޝައުގުވެރިވީ، ރައްޔިތުންނަށް ހިދުމަތް ކުރުމާއި އަދުލު އިންސާފާއި ހަމަހަމަކަން މީހުންނަށް ހޯދައިދޭން އޭނާ ބޭނުންވާތީ ކަމަށެވެ. ހާއްސަކޮށް އޭނާ އަކީ ގާނޫނީ ދާއިރާއިން ކިޔަވައި ވިދާޅުވެގެން ހުންނެވި ބޭފުޅަކަށް ވުމަކީ ދިއްގަރު ދާއިރާ އަށް ޝައުގުވެރިވި އެއް ސަބަބު ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. "ބައެއް ފަހަރު ފެނޭ އެ ދާއިރާ އަކަށް ކަމުވޮށިގެންވާ މީހުންނަށް ވުރެ ތަންކޮޅެއް ދުރު ބޭފުޅުން ވެސް ކުރިމަތިލައްވާތަން. އެގޮތުން މި ދާއިރާ އިން އަޅުގަނޑަށް ފުރުސަތު ލިބިއްޖެ ނަމަ ހުންނާނީ އެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތް ކުރުމުގައި އަޅުގަނޑު ހުންނާނީ،" އޭނާ ވިދާޅުވި އެވެ. އަލީ ޒާހިރު ވިދާޅުވީ ދިއްގަރު ދާއިރާގެ ގޮނޑި އަދާލަތު ޕާޓީގެ ތެރެއިން އޭނާ އަށް ލިބޭތޯ މިހާރު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ. އަދި އެ ޕާޓީގެ ކައުންސިލުން އެގޮތަށް ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ގުޅުމެއްގެ ތެރެއިން [އަދާލަތު/އެމްޑީޕީ] މަސައްކަތް މިކުރަނީ. އަޅުގަނޑު އެދެނީ އަރައިރުން ނުވެ މިކަން ނިމުން. އެހެން ބަލާއިރު މި ގުޅުމުގެ ތެރެއިން ފުރަތަމަ މިކަމަށް ޝައުގުވެރިކަން ފާޅުކުރީ އަޅުގަނޑު،" އޭނާ ވިދާޅުވި އެވެ. ދިއްގަރު ދާއިރާ އަށް އެހެން ބައެއް އަމިއްލަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު އެއްވެސް ޕާޓީއަކުން އަދި ރަސްމީކޮށް ގޮތެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ