އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ ގޮތުން ތޮލްހަތު ވާހަކަދައްކަވާފައިވާކަން ހަނދާނަކު ނެތް: ނިލާމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރުމާ ގުޅޭ ގޮތުން، އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު އެއްވެސް ވާހަކައެއް ދައްކަވާފައިވާކަން ހަނދާނުގައި ނެތް ކަމަށް، ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމް މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.އަބްދުﷲ ގާޒީ 2012 ގައި ހައްޔަރުކުރި އިރު، ސިފައިންގެ އިންޓެލިޖެންސްގެ ހެޑަކަށް ހުންނެވި ނިލާމް އެެހެން ވިދާޅުވީ، ތޮލްހަތުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުންނެވެ.މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ނިލާމްގެ އިތުރުން، އަބްދުﷲ ގާޒީގެ އާއިލާގެ ބައެއް މީހުންގެ ހެކިބަސް ވެސް ނެގި އެވެ. އެ ގޮތުން، އޭނާގެ އަނބިކަނބަލުން، އައިމިނަތު ޝަރީފާ ވިދާޅުވި ގޮތުގައި، ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންދިޔައީ ގަދަކަމުންނެވެ.އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި، ތޮލްހަތާ އެކު ޓެރަރިޒަމްގެ ދައުވާ ލިބުނު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު 13 އަހަރަށް ޖަލަށް ލާން، ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހުކުމްކޮށްފަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން، މި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބޭ، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި މޫސާ އަލީ ޖަލީލާއި އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އަދި ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.އެ ގޮތުން، ޒިޔާދުގެ ޝަރީއަތުގެ އަޑުއެހުމެއް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު، ރޭ ވަނީ މޫސާ ޖަލީލުގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފަ އެވެ. ހެކިބަސް ނެގުމަށް ބޭއްވި އެ އަޑުއެހުމުގައި، ނިލާމް ވެސް ހެކިބަސް ދެއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ