ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ހުކުރު ދުވަހު ބާއްވަނީ

ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމުގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން މިއަދު ހަމަޖައްސައިފި އެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ޕްރައިމަރީ އޮންނާނީ ހުކުރު ދުވަހުގެ މެންދުރު 2:00 އިން ހަވީރު 5:00 އަށް ކަމަށެވެ. ދިއްގަރު ދާއިރާގެ ރަތްމަންދޫ ފިޔަވައި އެހެން ހުރިހާ ރަށްތަކެއްގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ރަތްމަންދޫގައި މީހުން މަދުވީމަ، ވޯޓު ފޮއްޓެއް ނުބަހައްޓައި އެ ރަށުގެ މެމްބަރުން ވޯޓުލާން އެހެން އިންތިޒާމެއް ހަަމަޖައްސާނެ،" ތޮލާލް ވިދާޅުވި އެވެ.ރަތްމަންދޫގެ އިތުރުން އެ ދާއިރާގައި ހިމެނެނީ، މ. ދިއްގަރާއި މަޑުއްވަރީ، ވޭވައް އަދި މުއްޔެވެ.ތޮލާލް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތިލެއްވި ފަސް ބޭފުޅުން ވެސް އިންތިހާބުގައި ވާދަކުރަން ޝަރުތުހަމަވެ އެވެ. ދިއްގަރު ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ކުރިމަތިލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫންގެ އިތުރުން މ. މުލަކު އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އިމްރާން އިސްމާއީލާއި
މޫސާ ނަސީރު އަހުމަދު އަދި އެންވަޔަރަމެންޓް މިނިސްޓަރުގެ ނައިބު، މުހައްމަދު ހާނިމެވެ.ތޮލާލް ވިދާޅުވި ގޮތުގައި މި ފަސް ބޭފުޅުންގެ ނަން ތަރުތީބުކުރަން ގުރުއަތު ނެގުން މިރޭ އޮންނާނެ އެވެ. ޕްރައިމަރީގައި ވޯޓުލާން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ
ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ޕީޕީއެމްގެ ދިއްގަރު ދާއިރާގެ
ޕްރައިމަރީ އިއުލާންކުރި ދުވަހާ ހަމައަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި
ރަޖިސްޓްރީ ވެފައިވާ މީހުންނަށް، ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބޭނެ
ކަމަށް ތޮލާލް ވިދާޅުވި އެވެ. ޖޫން 13 ގައި ކުރިން ބާއްވަން ނިންމި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން
ޖޫން ހަ ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަވަސްކޮށްފަ އެވެ. އެ
ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި
ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރުުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ