ކުށުގެ ތުހުމަތުގައި ފުލުހުން ހޯދާ މީހުން ފިލުވާ މީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވަނީ

އެކި ކުށް ކުށުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހުން ފިލުވުމަށް އެހީތެރިވާ މީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވަން ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރާ" ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ފިލައިގެން އުޅޭ މީހުން ފިލުވުމަށް އެހީތެރިވެދޭ މީހުންނާއި އެ މީހުން ފިލަން ބޭނުންކުރާ އިމާރާތްތަކުގެ ވެރި ފަރާތާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ ފަދަ މީސްމީހުންނާ މެދު ގާނޫނުލް އުގޫބާތުގެ 83 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ކުށެއް ކޮށްގެން ނުވަތަ ކުށެއްގެ ތުހުމަތުގައި، ތިމާ ނުވަތަ އެހެން މީހަކު ނުވަތަ ބަޔަކު، ގާނޫނީ ނުވަތަ ޝަރުއީ ގޮތުން ހިފުމަށް ނުވަތަ ހައްޔަރު ކުރުމަށް، ހުރަސް އަޅާ މީހެއްގެ އަދަބަކީ ގިނަވެގެން އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 1،000 ރުފިޔާ އަށް ވުރެ ގިނަ ނޫން އަދަދަކަށް ޖޫރިމަނާ ކުރުމެވެ،" މިހެންނެވެ. އަދި 10 އަހަރުން ފެށިގެން އުމުރަށް އަރުވާލުމަށް ނުވަތަ ޖަލަށް ލުމަށް ނިޔާ ކަނޑައެޅިފައިވާ މީހަކު ނުވަތަ އެއިން އަދަބެއް ދޭ ފަދަ ކުށެއް ކުރި ކަމުގެ ތުހުމަތުގައިވާ ހިފުމަށް ނުވަތަ ހައްޔަރު ކުރުމަށް ހުރަސްއަޅާ މީހެއްގެ އަދަބަކީ ގިނަވެގެން ހަތަރު އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 1،500ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ގާނޫނުލް އުގޫބާތުގެ 83 ވަނަ މާއްދާގެ (ށ) ގައިވެ އެވެ. އަދި ނ. ގައި ބުނެފައި ވަނީ "މި ގޮތުގައި ތިމާ ހިފުމަށް ނުވަތަ ހައްޔަރު ކުރުމަށް ތިމާ ހުރަސް އަޅައިފިނަމަ ކުރީގެ ކުށުގެ އިތުރަށް ލިބޭނެ ކުށަކީ ހުރަސް އެޅުމެވެ،" މިހެންނެވެ.
ކުށުގެ ތުހުމަތުގައި ހޯދާ މީހުން ފިލުވައިގެން އުޅޭ މީހުންނާއި އެކަމަށް އެހީތެރިވާ ފަރާތްތަކުގެ މައްސަލަތަށް ޝަރީއަތަށް ފޮނުވަން ފުލުހުން ނިންމިއިރު ފަހަކަށް އައިސް ގޭންގް މާރާމާރީތަކުގައި ފުލުހުން ހޯދަމުންދާ ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ އެކިއެކި އެޕާޓްމަންޓްތަކުގައި ފިލައިގެން އުޅެނިކޮށެވެ.
މި މަހުގެ 18 ވަނަ ދުވަހު މާލޭގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި މައްސަލާގައި ހޯދަމުން ދިޔަ މ. ލޮނުމިދިލިގޭ ޝަރުފާން އަބްދުއްރައްޒާގް 19 ވެސް ރޭ ހައްޔަރުކުރީ މ. ނިކޯޝިއާގޭގެ ފުރަތަމަ ބުރީގައި އުޅެނިކޮށެވެ. އޭނާ ހޯދަން މިދިޔަ ހޯމަ ދުވަހު ފުލުހުން އިއުލާންކުރި ނަމަވެސް އޭނާ އުޅުނީ ފިލައިގެންނެވެ. ޝަރުފާން ފިލުވަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ވެސް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޝަރުފާންގެ ބޭބެ މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް (ސަފާ) ވެސް ހިމެނެ އެވެ.
މީގެ އިތުރުން ގޭންގްތައް ހިންގައި މާރާމާރީގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފުލުހުން 11 މީހަކު އަތުލައިގަތް އިރު އޭގެ ތެރޭގައި ވެސް ފުލުހުން ހޯދާ ބަޔަކު ތިއްބެވެ. އެ 11 މީހުން އަތުލައިގަތީ މ. އަރޫދާގޭގެ އެޕާޓްމަންޓެއްގައި ތިއްބަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ