ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރު ނަޝީދު އިސްތިއުނާފަށް ހުށަހަޅުއްވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލައިގެ ޝަރީއަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާޒިރުކޮށްދިނުމަށް ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރު އިސްތިއުނާފްކުރުމަށް ނަޝީދު ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ބާއްވަން ހަމަޖެއްސި ޝަރީއަތަށް ނަޝީދު ހާޒިރުވެވަޑައިނުގަތުމުން، ޝަރީއަތަށް އެ މަނިކުފާނު ހާޒިރުކޮށްދިނުމަށް އެދި ހުޅުމާލޭ ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެ އަމުރު ނެރެފައި ވިޔަސް، ނަޝީދުގެ ނުރުހުމުގައި ފުލުހުންނަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް މިއަދު ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް އުފައްދާފައިވާ ހުޅުމާލޭ ކޯޓުން ނަޝީދު ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ހައި ކޯޓަށް މިއަދު ހުށަހަޅާފައިވާ އިރު، ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
"އޭގެ ތެރެއިން [މިހާރު ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން] ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތުގެ މައްސަލަ ވެސް ބެލިގެންދާނެ. އަދި ކޯޓު އުފެދިފައި އޮތް ގޮތް ވެސް ބައްލަވާފައި ގޮތެއް ނިންމަވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ،" ހަސަން ވިދާޅުވި އެވެ.
ހައި ކޯޓަށް ނަޝީދު މައްސަލަ ހުށަހެޅުއްވިއަސް، "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ކޯޓުން އަދި ބަލައެއްނުގަނެ އެވެ. ނަޝީދު އިއްޔެ ވިދާޅުވީ ހައި ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ކޯޓަށް ހާޒިރުވެވަޑައިގެން އެއްބާރުލުން ވެސް ދެއްވާނެ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ އަޑުއެހުން ޖަސްޓިސް ބިލްޑިންގުގައި މިއަދު ހަވީރު 00: 4 ގައި ބޭއްވުމަށް ހުޅުމާލޭ ކޯޓުން ދެ ވަނަ ފަހަރަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. ފުރަތަމަ ތާވަލްކުރި ދުވަހު ވެސް ކޯޓަށް ހާޒިރުވެވަޑައިނުގެންނެވި އިރު، ނަޝީދު ވަނީ ޝަރީއަތް ފަސްކޮށްދެއްވުމަށް އެދި ހުޅުމާލޭ ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް ހުޅުމާލޭ ކޯޓުން ބުނެފައިވަނީ "ކެމްޕޭން ކުރެއްވުމަކީ" ޝަރީއަތަށް ހާޒިރުވެވަޑައިނުގެންނެވޭ ވަރުގެ ސަބަބެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ