ރާއްޖެ ޓީވީގެ "އަބުރު ފަންޑަ"ށް މެމްބަރު ނިޒާރާއި ޣަފޫރު 100،000ރ. ހަދިޔާކޮށްފި

ދައުލަތުގެ އެކި މުއައްސަސާތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރާތީ، ހުޅުވާފައިވާ "އަބުރު ފަންޑް" އަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލްޣަފޫރު މޫސާ 100،000ރ. ހަދިޔާކުރައްވައިފި އެވެ.
ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ނޫސްވެރިކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ވަނީ ދެ ފަހަރަށް ޖޫރިމަނާކޮށްފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ ފަހުން އެ ޓީވީ ޖޫރިމަނާކުރީ އެއް މިލިއަން ރުފިޔާ އިންނެވެ. މި ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.
ނިޒާރު ވިދާޅުވީ އެއް މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކުރީ 200،000ރ.ގެ ޖޫރިމަނާ ދެއްކުމާ އެކު ކަމަށް ވާތީ ކޮމިޝަނުގެ މަގްސަދު ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ. އެ ޖޫރިމަނާ ނުދައްކައިފި ނަމަ ލައިސަންސް ބާތިލްކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަން ނިޒާރު ފާހަގަކުރެއްވި އެވެ.
"ކޯޓަށް ވެސް ދެވެން މި އޮންނަނީ މި ޖޫރިމަނާ ދެއްކުމަށް ފަހު. ގާނޫނާ އަޅުގަނޑުމެން ދެކޮޅުހެދީ މިހެންވެ. މިއީ މީޑިއާތަކަށް ކުރާ ވަރަށް ބޮޑު ޖެއްސުމެއް،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކުޑަ ވެސް ފުރުސަތެއް ލިބިއްޖެ ނަމަ އަބުރުގެ ގާނޫނު އިސްލާހުކުރައްވަން ހުށަހަޅުއްވާނެ އެވެ.
ޣަފޫރު ވިދާޅުވީ އޭނާގެ މުސާރަ އިން 50،000ރ. ރާއްޖެ ޓީވީ އަށް ދެއްވީ އެ މީޑިއާ އިން ކުރާ މަސައްކަތުގައި ބައިވެރިވާން ކަމަށެވެ.
ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ވާހަކަތަކެއް މިދިޔަ އޮކްޓޫބަރު މަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި މީހަކު ދެއްކުމުން، އެ ވާހަކަތައް އެ ޓީވީން ލައިވްކުރުމުންނެވެ. މިއީ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލިހުން ފާސްކުރި އަބުރުގެ ގާނޫނު ދަށުން މިހާ ބޮޑު ޖޫރިމަނާއެއް ކުރި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ