މައުމޫން ވިދާޅުވެއްޖެ ނަމަ ޔާމީނަށް ތާއީދުކުރާނަން: އުމަރު

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވާދަނުކުރައްވާ ނަމަ ނުވަތަ ވަކި ބޭފުޅަކަށް ތާއީދުކުރައްވަން މައުމޫން ވިދާޅުނުވެއްޖެ ނަމަ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫނު ވިދާޅުވެއްޖެ ނަމަ އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް އަދި ވަކި ބޭފުޅަކަށް ތާއީދު ކުރެއްވުމަށް މައުމޫނު އަދި ވިދާޅެއް ނުވޭ. އެފަދަ އިޝާރާތެއް ވެސް އެމަނިކުފާނު އަދި ކުރައްވާފައެއް ނެތް،" ސިންގަޕޫރުގައި ހުންނަވައި އުމަރު ވިދާޅުވި އެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް ޔާމީނަށް ތާއީދުކުރަން ޖެހިއްޖެ ނަމަ ޕްރައިމަރީގައި ވާދަނުކުރައްވައި އޭނާ އަށް ތާއީދުކުރަން ބޭނުންވަނީ ޕާޓީގެ ސަޕޯޓް އޮތީ މައުމޫނަށް ކަމަށް ވާތީ ކަމަށް އުމަރު ވިދާޅުވި އެވެ.
"ޕީޕީއެމްގެ ސަޕޯޓް އޮތީ މައުމޫނަށް. ޔާމީނަކަށް އަދި އަޅުގަނޑަކަށް ވެސް ނޫން. އެހެންވީމަ އަޅުގަނޑަށް އެނގޭ އެކަމަށް އަޅުގަނޑު އިހްތިރާމް ކުރަން ޖެހޭނެކަން" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ