ހުރިހާ ސިޔާސީ ޕާޓީތައް ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، އިތުރަށް މިސްޓޭކެއް ނުހަދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތްކުރާއިރު، އެކަން ނިމުމަކަށް އަންނާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، އިމްރާން އަބްދުﷲ އަދި އޭނާ ހުންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ޤާސިމް ވިދާޅުވި އެވެ. އަދި ކޮންމެ ކަމެއް ކުރި ނަމަވެސް ކުރާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ވަރަށް ރަނގަޅަށް ވިސްނަންޖެހޭ ކަމަށާއި، ޕީޕީއެމްގައި އެ މެމްބަރުން ތިބި ނަމަވެސް ކުރިއަށް އޮތް ދައުރުގައި އެ މެމްބަރުންނަށް ވޯޓެއް އަދި ތާއީދެއް ވެސް ނުލިބޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު ލިބޭނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގައި ބައިވެރިވެގެން ކަމަށް ގާސިމް ވިދާޅުވި އެވެ.
ޤާސިމް ވަނީ، ޕާޓީތަކުން ވަކިވި މެމްބަރުން އަނބުރާ ޕާޓީތަކަށް ގުޅުމަށް ގޮވަލައްވާ ގޮވާލުން ތަކުރާރުކުރައްވާފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މެމްބަރުން މަސައްކަތްކުރަންޖެހޭ ކަމަށާއި، ރައްޔިތުންނަށް ނޫނެކޭ ބުނާ މެމްބަރުންނަށް ރައްޔިތުންވެސް ނޫނެކޭ ބުނާނެ ކަމަށެވެ. އަދި މެމްބަރުން އަނބުރާ ޕާޓީތަކާއި ގުޅިއްޖެ ނަމަ ހުރިހާ ކަމެއް ހައްލުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަޅުގަނޑުމެން ތިބެނީ އެކަތިގަނޑެއްގެ ގޮތުގައި، ދެން މިސްޓޭކެއް ނުހަދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ