ރައީސް ޔާމީނަކީ ރައްޔިތުން ދަންނަ ސިޔާސީ ލީޑަރެއް ނޫން: އަލީ ޒާހިރު

ރައީސް ޔާމީނަކީ ރައްޔިތުން ދަންނަ ސިޔާސީ ލީޑަރެއް ނޫންކަމަށް އަދާލަތު ޕާޓީގެ ނާއިބުރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހޯމަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގަނެވުނީވެސް އިސްލާހީ މަސައްކަތުގައި މިއަދު އުޅުއްވާ ބޭފުޅުންގެ ހިޔަނީގައި، އެބޭފުޅުން ކުރެއްވި މަސައްކަތުން ކަމަށެވެ.
އަލީ ޒާހިރު ވަނީ 2015 ވަނަ އަހަރުގެ މެއިޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލާފައިހުރި ލ.ގަން، އެއްގަމުގޭ، ނާސިރާ އަލީ މިނިވަންކޮށްފައިވާތީ އޭނައަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ޝައިޚް އިމްރާން އިސްކޮށް ހުންނަވާ މެއިޑޭގައި ކުރެއްވި މަސައްކަތުގައި ޝިކާރައަކަށްވެ ނުހައްގުން ބަންދުކުރެވިފައިވާ މީހުން ދޫކޮށްލަން މިއަދު މަޖުބޫރުވުމަކީ ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައިސް ރައްޔިތުންނަށް މިނިވަންކަން ލިބެންއުޅޭ ކަމުގެ ފެހި ސިގުނަލެއް ކަމަށެވެ.
"ކިތަންމެ ވަރެއް ދެއްކިޔަސް ހަމަ ޖެހޭނީ ދޫކުރަން. ދެއިރުދެދަޅަޔަށް ކްލެމެންސީ ގަވާއިދު އިސްލާހުކޮށް، ގޮތްގޮތަށް ކޮށައިމަށައި ފުށްގަނޑެއްހެން މޮޑުނުކަމުގައި ވިޔަސް ހަމަ ޖެހޭނީ އެކަން ކުރަން. ބައިނަލްއަގުވާމީ މުޖުތަމައުވެސް އަދި މުޅި ދިވެހި ރައްޔިތުންވެސް ވަރަށް ރަގަޅަށް ދެނެތިބި ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރާ ކަންކަންކަން އެއީ. އެހެންވީމަ އެކަން ރަގަޅުކުރެވޭނީ ހަމަ ސަރުކާރަށް އަަދި އެކަން ކުރާނެ ގޮތްވެސް އެނގޭނީ ސަރުކާރަށް. އެކަމަކު ކުރުމަށް މިގޮވާލަނީ" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ ބޭރުގެ ފަރާތްތަކުން ސަރުކާރުން ބުނާހާ ވާހަކައެއް މިއަދު ގަބޫލުނުކުރާނެ ކަމަށެވެ. އެފަރާތްތަކުން ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި ރައްޔިތުންނާ ބައްދަލުކޮށް ނޫސް މަޖައްލާތައްވެސް ބަލާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޑިމޮކްރެސީ ހިމާޔަތްކުރަނީ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދު އެއްވެސް މީހަކު އެކަން ގަބޫލުނުކުރާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ މިއަދު ފެންނަނީ ކުރީގެ ރައީސުންނާއި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެމްބަރުން ދެއިރު ދެދަޅަޔަށް ފުލުސް އޮފީހަށް ހާޒިރުކުރާ މަންޒަރު ކަމަށެވެ. ނަމަވެސް މީގެކުރިންވެސް އެގޮތަށް ކަންކަން ކުރުމުން ނަތީޖާ ރަގަޅު ނޫން ކަމަށާއި ދެން މާގޯސްވާނެ ކަމަށެވެ. އެހެންކަމުން ސިޔާސީ ބޭފުޅުން ތަންތަނަށް ހާޒިރުކުރުން ހުއްޓާލުމަށް އަލީ ޒާހިރު ގޮވާލެއްވިއެވެ.
ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ވައްދާ އެ މުއައްސަސާގެ ނަން ޚަރާބުކޮށްލަން ބޭނުންނުވާ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ދުވަހަކުވެސް ބަދުބަހެއް އެބޭފުޅުން ވިދާޅުވެފައި ނުވާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަރައިވަޑައިގެން އެބޭފުޅުން އިންޓެލް ރިޕޯޓު ވިއްކަވަނީއޭ، ރިޝްވަތު ނަންގަވަނީއޭ، ފައިސާގެ ނުފޫޒުގައި ޖެހެނީއޭ މިކަހަލަ ވާހަކަ ދައްކަވައި އެބޭފުޅުންގެ އަގު ވައްޓަވައިލެއްވީ މިރައީސް. މިރައީސް މިއަދު ތިބޭފުޅުންގެ ބޭނުން ނާޖާއިޒްގޮތުގައި ނަހަމަގޮތުގައި ހިއްޕަވަނީ. އެކަމަށް ފުރުސަތު ނުދެއްވުމަށް ގޮވާލަން" އަލީ ޒާހިރު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ޣައިރުގާނޫނީ އަމުރަކަށް ތަބާނުވުމަކީ ގާނޫނުއަސާސީން ރާއްޖޭގެ ފުލުހުންނާއި ސިފައިންނަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި ޣާއިރުގާނޫނީ އަމުރު ކުރާ މީހާއާއި އެފަދަ އަމުރަކަށް ތަބާވާ މީހާވެސް އެހަދަނީ ގޯހެއް ކަމަށާއި އެއީ ގާނޫނީ ކުށެއް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރުން ގެންގުޅެނީ ބިރުދައްކައިގެން ކަމަށެވެ. ވަރަށް އަވަހަށް ސަރުކާރުން ކަސްތޮޅު އަޅުވާފައި ތިއްބެވި މެމްބަރުން މިނިވަންކޮށް، މަޖިލީހުގެ މެޖޯރިޓީ ނަގައި ގާނޫނުތައް އަލުން އިސްލާހު ކުރާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި މިއީ ގައުމު ސަލާމަތް ކުރުމަށް އޮތް ރަނުގެ ފުރުސަތެއް ކަމަށާއި ފުރުސަތުގެ ބޭނުން ހިއްޕެވުމަށް މެމްބަރުންނަށް ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ