ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށާއި މޮނިޓަކުރުމަށް ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށާއި މޮނިޓަކުރުމަށް ބޭނުންވާ ފަރާތްތައް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖުލައި 23 ގެ ނިޔަލަށެވެ.
އިންތިހާބު އޮބްޒާވުކުރުމަށް ހުށަހެޅޭނީ ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާތަކުންނެވެ. އަމިއްލަ ގޮތުން ވެސް އިންތިހާބު އޮބްޒާވުކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނައިރު، ޖަމިއްޔާތަކުންނާއި އަމިއްލަ ގޮތުން ހުށަހަޅާ ފަރާތްތަކަކީ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް އިލެކްޝަނުން ބުނެ އެވެ.
އިންތިހާބު އޮބްޒާވްކުރުމަށާއި މޮނިޓަކުރުމަށް ހުށަހަޅާ ފަރާތްތަކަކީ އުމުރުން 18 އަހަރުވެފައިވާ އަދި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރަމުން ނުދާ މީހަކަށް ވާން ވާނެ ކަމަށް އިއުލާނުގައިވެ އެވެ.
އިންތިހާބު މޮނިޓަކުރުމަށް ޝައުގުވެރިވާ ނޫސް މަޖައްލާތަކާއި ނޫސް އެޖެންސީތަކުން ފޯމާއި އިގްރާރު ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށެވެ. އެ އެޕްލިކޭޝަން ފޯމުތަކާއެކު އެ މީޑިއާއަކުން ހުށަހަޅާ ފޯމުގެ އަދަދު ބަޔާންކޮށް ސިޓީއެއް ވެސް ފޮނުވަންޖެހެ އެވެ.
ކޮންމެ މީޑިއާ އޮގަނައިޒޭޝަނަކަށް ފާސް ދޫކުރާނީ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޖުމުލަ އަދަދަށްވުރެ އިތުރު ނުވާ ވަރަށެވެ.
އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅާ ފޯމްތައް އިލެކްޝަން ކޮމިޝަންގެ އިތުރުން ރަށްރަށުގައި ތިބޭ އިލެކްޝަންގެ ފޯކަލް ޕޮއިންޓުން ވެސް ބަލައިގަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ