އިންތިހާބު ހުއްޓުވީ މައުމޫނު: ނަޝީދު

މިދިޔަ ހޮނިހިރުދުވަހު ބާއްވަން އުޅުނު ރިޔާސީ އިންތިޚާބު ހުއްޓުވުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ކަމަށާއި އެ މަނިކުފާނަށް އެކަން ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މައުމޫން ފުރަތަމަ ވޯޓު ހުއްޓުވީ ފަނޑިޔާރުން މެދުވެރިކޮށް ކަށާއި ދެ ވަނަ ފަހަރަށް އެކަން ކުރެއްވީ ރައީސް މުހައްމަދު ވަހީދު މެދުވެރިކޮށް ފުލުހުން ލައްވައި ކަމަށެވެ. އެއަށް ފަހު، ނޮވެމްބަރު 11 ގެ ފަހުން ރައީސް ވަހީދު ވެރިިކަމުގައި ހުންނެވުމަށް އެދިވަޑައިގެން މައުމޫން، ވަހީދަށް ފޮނުއްވި ސިޓީފުޅަކީ "ގާނޫނާ ހިލާފު ސިޓީފުޅެއް" ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސް މައުމޫން މަސައްކަތް ކުރައްވަނީ އެ ބޭފުޅާގެ ބާރުވެރިކަން، ގޮނޑިކޮއްކޮ ބާޣީ ވަހީދު ލައްވައި ދެމެހެއްޓިދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް މައުމޫނަށް "ލައްކަވަރު ކުރެވިއްޖެ" ކަމަށާއި އެހެންވެ އެކަން ހުއްޓާލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފުރަތަމަ "ވޯޓު ހުއްޓުވީ ފަނޑިޔާރުގެ އިން" ކަމަށާއި ނަމަވެސް އެމްޑީޕީ އެނބުރި އަންނާނެކަން ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. ފަނޑިޔާރުންނަށް ދެއްވި އެ އިންޒާރަށް ފަހު އެމަނިކުފާނު ވަނީ ފުލުހުންނަށް ވެސް ހަމަ އެ އިންޒާރު ދެއްވައިފަ އެވެ.
ފުލުހުން ވޯޓު ހުއްޓުވިކަން ކަށަވަރުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާތީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ މައްޗަށް މާދަމާ ދައުވާ އުފުލަން ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒަށް ނަޝީދު މިރޭ ގޮވާލެއްވި އެވެ. ވޯޓު ހުއްޓުވުމަކީ ބޮޑު ކުށެއް ކަމަށް ވާއިރު، ރިޔާޒުގެ މައްޗަށް ދައުވާ ނުއުފުލާނަމަ ޕީޖީގެ މަގާމުން ދުރަށް ވަޑައިގަތުމަށް ނަޝީދު ގޮވާލެއްވި އެވެ. އަދި ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަން ދައްކާ މީހުން "ހަންމަތަ ކުރަންޖެހޭ" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެސްއޯ ފުލުހުންގެ ޝީލްޑާއި މުގުރާއި އަސޭމިރުސް ދުމުގެ މައްޗަށް ރައްޔިތުންނަށް އަދި ގަދަ ނުވެވޭ ކަމަށާއި ނަމަވެސް ރައްޔިތުންގެ އުއްމީދާއި އަޒުމް ބަލި ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވާދަވެރިން އިންތިހާބާ ދެކޮޅު ހަދަނީ އެ ބޭފުޅުން ދުވަހަކު ވެސް އިންތިހާބެއްގައި ބައިވެރިވެވަޑައިގެންފައި ނުވާތީ އެވެ. އަދި މައުމޫން ހަ ދައުރުގައި ވެރިކަން ކުރެއްވިއިރު އެއިން ކޮންމެ ފަހަރަކު ވެސް ވޯޓު އޮޅުވާލި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މައުމޫނަށް 30 އަހަރުގައި 80 ޕަސެންޓް މަތިން ވޯޓު ލިބިފައިވާއިރު ސުޕްރީމް ކޯޓުން ބާތިލުކުރި އިންތިޚާބުގައި އެމްޑީޕީ އަށް 95،000 ވޯޓު ލިބުމަކީ އެބޭފުޅުންނަށް ހަޖަމް ކުރެވޭ ކަމަކަށް ނުވާ ކަމަށެވެ.
"ރައީސް މައުމޫން ވިސްނަވާ. އަޑުއައްސަވާ. އަޅުގަނޑުމެން މިތިބީ މިކަން ދޫކޮށްލާފައި ގެއަށް ވަންނާކަށެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
މިއަދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެއްބުރުން އިންތިހާބު ކާމިޔާބުކުރުމެއް ނޫން ކަމަށާއި އުފެދިފައިވާ ސުވާލަކީ އިންތިހާބެއް އޮންނާނީ ކޮން ދުވަކުންތޯ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންނަށް އިންތިހާބެއް ހޯދައި ނުދީ ހުއްޓާ ނުލައްވާނެ ކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ