ހިޔާ ފްލެޓްތަކަށް މާދަމާ ފެންބިލު ފޮނުވަން ފަށަނީ، ބަހައިލައިގެން ވެސް ދެއްކޭނެ

ހިޔާ ފްލެޓުތަކަށް މާދަމާ ފެންބިލް ފޮނުވަން ފަށާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ. ހިޔާ ފްލެޓު ސަރަހައްދުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ ފާއިތުވީ ތިން މަސް ތެރޭގައި އެ ކުންފުނިން ފްލެޓުތަކުގެ މީޓަރަށް ދިމާވެފައިވާ އެކި ކަހަލަ މައްސަލަތައް ބަލައި ދެނެގަނެވިފައިވާ ކަމުގައެވެ. ޝާހު ވިދާޅުވީ މިގޮތުން މިހާތަނަށް 3،500 އާއި 4،000އާ ގާތްކުރާ އަދަދަކަށް ސައްހަ މީޓަރު ދެނެގަނެވިފައިވާ ކަމަށާއި އެ ކަސްޓަމަރުންނަށް މިހާރު ބިލް ކުރެވޭނެ ކަމަށެވެ. މި ކަސްޓަމަރުންނަށް މާދަމާއިން ފެށިގެން ބިލު ފޮނުވަން ފަށާނެއެވެ. ޝާހު އިތުރަށް ވިދާޅުވީ ބިލު ނުލިބޭ ކަމުގެ ކަންބޮޑުވުން ބައެއް ކަސްޓަމަރުން ފާޅުކުރަމުން އަންނަ ކަމަށާއި ކުއްލިއަކަށް ބޮޑު ބިލެއް ލިބިއްޖެނަމަ ބިލު ދެއްކުމުގަ ދަތިތަކާ ދިމާވާނެތީ އެކަމަށް ވެސް ފަހި ގޮތްތަކެއް މިހާރު ތަނަވަސް ކޮށްދީފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ އެބައޮތް ޕޮލިސީއެއް، އެއް ފަހަރާ ފައިސާ ދެއްކުމުގެ ބަދަލުގައި ބަހައިލައިގެން ދެއްކުމުގެ އިންތިޒާމް ވެސް ހަމަޖެހޭނެ،" ޝާހު ވިދާޅުވިއެވެ. އެމްޑަބްލިޔުއެސްސީގެ އެމްޑީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ ބިލު ނުދެއްކުމުގެ ސަބަބުން އަރާ ސާ ޗާޖުވެސް ވަކި އުސޫލެއްގެ ދަށުން ބަހާލައިގެން ދެއްކޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ހާލަތްތަކުގައި ސާ ޗާޖް މާފުކުރެވޭނެ އުސޫލެއް އޮންނަ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. "އެއްވެސް ކަސްޓަމަރަކަށް ފެން މީޓަރާއި ބިލާ ބެހޭ ގޮތުން އެއްވެސް ކަމެއް ދަތިވާނަމަ، އެމްޑަބްލިޔުއެސްސީއަށް ގުޅުއްވުމުން ނުވަތަ ވަޑައިގެންނެވުމުން އެކަމުގައި އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން،" ޝާހު ވިދާޅުވިއެވެ. ހަމައެހެންމެ ހިޔާ ފްލެޓު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އަންނަ ހަފްތާގައި ހެލްޕް ޑެސްކަކާއި ހޮޓްލައިނެއް އެ ސަރަހައްދުގައި ގާއިމްކުރާނެ ކަން ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ