ރަށެއްގައި ދިރިއުޅޭތާ 3 އަހަރުނުވިޔަސް މިހާރު ގެދޮރުވެރިޔާ ލޯނު ލިބޭނެ

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ބިނާކުރުމަށާއި މަރާމާތުކުރުމަށް ހާއްސަކޮށް ދޫކުރާ 'ގެދޮރުވެރިޔާ ލޯނު'އަށް ހުށަހަޅާ މީހަކީ އެ ރަށެއްގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހޭ ކަމަށް ބުނާ ޝަރުތު އުވާލައިފި އެވެ.ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މިދިޔަ އަހަރުގެ ޖޫން 14 ގައި "ގެދޮރުވެރިޔާ ލޯނު" އަށް އެދެން ހުޅުވައިލިއިރު ލޯނުގެ ޝަރުތެއްގެ ގޮތުގައި ރަށްވެހި ވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާ މީހަކަށް ވުން ހިމެނެ އެވެ.އެހެންވެ، މިދިޔަ ޑިސެމްބަރު މަހުގެ 27 ގައި ހައުސިން މިނިސްޓްރީން އެ ޝަރުތު އުނިކުރަން ނިންމާފައިވާތީ، އެކަން އާންމުކޮށް އެޗްޑީއެފްސީން ބުނީ، އެ ޝަރުތު ފުރިހަމަ ނުވެގެން ކުރިން ލޯނު ދޫނުކުރާ ގޮތަށް ނިންމި މީހުން ވެސް އަލުން ލޯނު ބޭނުން ނަމަ، ފޯމު ހުށަހެޅުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.އެ ލޯން ސްކީމަށް އެދި ހުށަހެޅޭނީ އެޗްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށެވެ. އެ ސްކީމަށް ލިބޭ އެޕްލިކޭޝަންތައް އެޕްރޫވް ކުރަނީ އެޗްޑީއެފްސީއާއި ހައުސިން މިނިސްޓްރީ ހިމެނޭ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުންނެވެ.ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނައިން ދޫކުރަނީ ހަތް ލައްކަ ރުފިޔާއެވެ. އެގޮތަށް ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަ އިންސައްތައެވެ. އަދި ދޫކުރަނީ ޖުމްލަ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ތެރޭ ދައްކައި ހަލާސްކުރާ ގޮތަށެވެ. އެ ލޯނުގެ ދަށުން ކޮންމެ މަހަކުވެސް އަބުރާ ދައްކަން ނަގާނީ 5،000 ރުފިޔާކަމަސް ސަރުކާރުން ވަނީ މިގެ ކުރިން ބުނެފައެވެ.އެ ލޯނަށް އެދޭއިރު ޑިޕޮސިޓެއް ދައްކަން ނުޖެހޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހާއި ދެމެދުގެ މުއްދަތެއް ދެއެވެ. އެ މުއްދަތުގައި އިންޓްރެސްޓް އަދި ޕްރޮސެސިން ފީއެއްވެސް އެޗްޑީއެފްސީން ނުނަގައެވެ.އެ ސްކީމްގެ ދަށުން އާންމުކޮށް ލޯނު ދޫކުރަނީ އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށާއި، މަރާމާތް ކުރުމުގެ އިތުރުން މިހާރު ހަދަން ފަށާފައި ވާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.އެ ސްކީމް މިދިޔަ އަހަރު ތައާރަފްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް، ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައި 700،000ރ.އާ ހަމަ އަށް ލޯނު ދޫކުރަމުން އަންނައިރު ގެދޮރުވެރިޔާ ލޯނު ސްކީމް މިހާރު އޮތް ގޮތުން ލޯނު އަނބުރާ ދައްކަން އެންމެ ގިނަވެގެން ވެސް 20 އަހަރު ލިބެ އެވެ.އެންމެ ގިނަވެގެން އެއް ފަހަރާ ލޯނުގެ ގޮތުގައި ލިބޭނީ 700،000ރ. އެވެ. ލޯނަށް އެދުމުގައި މަދުވެގެން ދެ ފަރާތް ހިމަނަން ޖެހޭއިރު ލޯނުގެ ގޮތުގައި ދޫކުރާނީ ޕްރޮޖެކްޓުގެ 80 ޕަސެންޓެވެ. ބާކީ 20 ޕަސެންޓް ދައްކަން ޖެހޭނީ ލޯނު ނަގާ މީހެކެވެ.އެ ސްކީމުގެ ދަށުން ލޯނު ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެ އެޅުމަށް ނުވަތަ މަރާމާތު ކުރުމަށް ނުވަތަ ހަދަން ފަށާފައި ހުރި ތަނެއް ނިންމުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ