ބީއެމްއެލްގެ ގޯހަކުން އެކައުންޓަކަށް ޖަމާވި ފައިސާ އާއި އިންޓްރެސްޓް ހޯދަން މަސްވެރިޔަކު ކޯޓަށް ދަމަނީ ބީއެމްއެލްގެ ގޯހަކުން އެކައުންޓަކަށް ޖަމާވި ފައިސާ އާއި އިންޓްރެސްޓް ހޯދަން މަސްވެރިޔަކު ކޯޓަށް ދަމަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޯހަކުން މަސްވެރިޔެއްގެ އެކައުންޓަށް ޖަމާވި ފައިސާ އެ މީހާ ބޭނުންކޮށްފައިވާ ކަމަށް ބުނެ، އެ މީހާގެ އަތުން އެ ފައިސާގެ އިތުރުން އިންޓްރެސްޓް އަދި ސާވިސް ޗާޖާއި ގާނޫނީ ފީ ހޯދުމަށް ބީއެމްއެލްއިން މައްސަލަ ހުށަހެޅުމުން ހައި ކޯޓުގެ ފަނޑިޔާރުންގެ ނުރުހުން އެ ބޭންކަށް އަމާޒުވެއްޖެ އެވެ.
މިއީ ސިވިލް ކޯޓަށް ބޭންކުން ހުށަހެޅި މައްސަލައެއްގައި އޮކްޓޯބަރު 23، 2024، ގައި ކޮށްފައިވާ ހުކުމެއްގެ އިސްތިއުނާފު އަޑުއެހުމެވެ. މިއީ މުހައްމަދު ޖަވީދު، ގއ. ގެމަނަފުށި، ސޯމާ، އެ ބޭންކުން ނެގި ކަމަށް ބުނާ ލޯނަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
މި މައްސަލާގައި ބީއެމްއެލްއިން އެދުނީ ޖަވީދުގެ އޮޑިވެރިޔާ ކާޑުގެ ބާކީ ދެއްކުމަށް 354،200ރ. ގެ ޑިމާންޑް ލޯނެއް އޭނާއަށް ދޫކޮށްފައިވާ ކަމަށް ބުނެ އޭގެ ތެރެއިން ނުދައްކައި ހުރި 47،057ރ. ހޯދުމަށެވެ. އޭގެ އިތުރުން، އެ ފައިސާ ނުދައްކާތީ އަރަމުންދިޔަ ސާވިސް ޗާޖާއި، ޖޫރިމަނާ އަދި ގާނޫނީ ފީ ހޯދުމަށް ވެސް ދައުވާގައި އެދިފައި ވެ އެވެ.
މި ދައުވާއަށް ޖަވާދު އިންކާރު ކުރި އެވެ. މި ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ލޯނެއް ދޫކުރި ކަމަށް ޝަރީއަތަށް ސާބިތު ކުރެވޭފަދަ ހެއްކެއް ބީއެމްއެލްއެށް ނުދެއްކުމުންނެވެ. އެފަދަ ލޯނެއް ނެގުމަށް ބީއެމްއެލްގައި އެެދިފައި ނުވާނެ ކަމަށާއި ލޯނުގެ ގޮތުގައި ފައިސާ ވެސް ބީއެމްއެލްއިން ދޫކޮށްފައި ނުވާ ކަމަށް ޝަރީއަތުގައި ޖާވިީދު ބުނެފައިވެ އެވެ.
އެ ހުކުމް ހައި ކޯޓުގައި ބީއެމްއެލްއިން އިސްތިއުނާފު ކޮށްފައިވާއިރު މައްސަލައިގެ އަޑުއެހުންތައް މިހާރު އެ ކޯޓުގައި އަންނަނީ ބާއްވަމުންނެވެ. މި މައްސަލަ ބަލަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله ރިޔާސަތުގައި އިންނެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ.
"ކާކުތޯ އަންޖަސްޓް [ނާއިންސާފު] އެންރިޗްމެންޓެއް މިދިނީ؟ ބޭންކުން ނޫންތޯ ދީގެން މި އުޅެނީ މަސްވެރިންނަށް މި ފައިސާ. އަންޖަސްޓް އެންރިޗްމެންޓެއް ދީފައި ދެން ލޯނެއްގެ ގޮތުގައި އެތައް ޝަރުތުތަކާ އެކު އަނބުރާ ދައްކަން ޖެހޭ ގޮތަށް މަސްވެރިންގެ ބޮލުގައި މިކަން އަޅުވާފައި ނޫންތޯ މިއޮތީ. މި ވާހަކަ ކީއްވެގެންތޯ ނުބުނެވިގެން ތި އުޅެނީ،" ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.
ހައި ކޯޓުގައި ޖަވީދު ވަކާލާތު ކުރީ އަމިއްލައަށެވެ. މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު މަޒީދު ވަނީ ބީއެމްއެލްއިން މިކަމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރައްވާފަ އެވެ.
"މި ކޮން އިންޓްރެސްޓެއް ޖޫރިމަނާއެއްތޯ މީގައި ހިމަނަންވީ. މީގަ ތި ބޭފުޅުން އަންޖަސްޓް އެންރިޗްމެންޓެއް ދީފައި އޮތް ފައިސާ، އެ ފައިސާ އަނބުރާ ހޯދަން ނޫންތޯ ވާނީ؟ އެ ބައެއްގެ ގޯތި ތެރިއަށް ގެރިބަކަރި ވަންނަންޏާ ވެރިފަރާތުން އަންނަން ދެން އެ އެއްޗެހި ހިފަހައްޓާނެ ނޫންތޯ؟ ވެރި ފަރާތުން އައިސް ގެންދަންްވީ އެ އަދަދު ނޫންތޯ؟ އެ ގޭގެ މިލްކުގައި ހުރި ރަނާއި ރިއްސަށް ދާންދެން ހިފައިގެން ނުދެވޭނެ ނޫންތޯ؟" ފަނޑިޔާރު ވިދާޅުވި އެވެ.
މިއީ ބޭންކުގެ ގޯހަކުން ހިނގާފައިވާ ކަމެއް ކަމަށާއި މިއީ ހެޔޮ ނިޔަތުގައި ހައްލު ކުރަން ޖެހޭ ކަމެއް ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.
"ކޮން އިންޓްރެސްޓަކާ، އޭއްޗަކާ މީއްޗަކާ ޖަމާކޮށްގެން ލޯނެއްގެ ގޮތުގައި މީހުންގެ ބޮލުގައި އަޅުވައި، ކޯޓުތަކަށް ދަމައި ކޮންކަމެއްތޯ ތި ކުރަނީ؟،" ފަނޑިޔާރު ވިދާޅުވި އެވެ.
ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލައާ މެދު ހައި ކޯޓުން ގޮތެއް ނިންމާނެ އެވެ.
ޖާވީދުގެ ނަމުގައި އޮތް އޮޑިވެރިޔާ ކާޑަށް އެޕްރީލް 3، 2019، އިން ފެށިގެން އެކި ދުވަސް ދުވަހު އެކި އަދަދަށް ހަގީގަތެއް ނޭނގޭ ފައިސާ ޖަމާވަމުންދިޔަ ކަމަށާއި އެ ކަމުގެ މައުލޫމާތު ބޭންކަށް އެންގުމުން "އެ ފައިސާ ޖަމާކުރާ ފަރާތެއް ބޭންކަށް ވެސް ނޭނގޭ ކަމަށާއި އެގޮތަށް އެ ފައިސާ ޖަމާވާ ކަމެއް ވެސް އެނގިފައި ނުވާ ކަމަށް" ބީއެމްއެލްއިން ޖަވީދަށް މައުލޫމާތު ދިން ކަމަށް ޝަރީއަތަށް އޭނާ ބުނެފައިވެ އެވެ.
ކަން މިހެން ހިނގާފައި ވަނިކޮށް ޑިސެމްބަރު 3، 2020، ގައި ބީއެމްއެލްގެ ގއ. ވިލިނގިލީ ބްރާންޗުގެ މެނޭޖަރު މުހައްމަދު އިސްމާއީލް ޖަވީދުގެ ރަށް ގއ. ގެމަނަފުއްޓަށް ގޮސް، އޭނާ ލައްވައި ސިޓީއެއްގައި ސޮއިކުރުވާފައިވެ އެވެ.
އެ ސިޓީގައި އޮތީ އޮޑިވެރިޔާ ކާޑު ބޭނުންކޮށްގެން ކާޑުގެ ބާކީއަށް ވުރެ އިތުރަށް ނަގާފައިވާ ފައިސާ ބޭންކަށް ދައްކަން ޖެހޭނެ ކަމަށާއި، އެ ފައިސާ އަނބުރާ ދެއްކޭނީ ލޯނެއްގެ ގޮތުގައި ކަމަށާއި، އެ ފައިސާއަކީ ބޭންކުން ނަގާފައިވާ ލޯނެއް ކަމަށް ބީއެމްއެލްއިން ހަދާފައިވާ ކަމަށެވެ.
"އެ ބޭފުޅާ ވިދާޅުވީ ބޭންކުން އެގޮތަށް ހަަމަޖައްސައި ނިންމީ ކަމަށާއި، ސިޓީގައި ސޮއި ނުކޮށްފިނަމަ ޖަލަށް ދާން ޖެހިދާނެ ކަމަށާއި އަދި ބޭންކް އޮފް މޯލްޑިވްސްގެ އެއްވެސް ހިދުމަތެއް ކުރިއަށް އޮތް ތަނުގައި ނުލިބޭނެ ކަމަށް ބުނެ ބިރު ދެއްކި،" ބީއެމްއެލްއިން މަޖުބޫރު ކޮށްގެން ސޮއިކުރި ސިޓީއާ ގުޅޭގޮތުން ޖަވީދު ޝަރީއަތަށް ބުނެފައިވެ އެވެ.
އެ ސިޓީގައި ސޮއިކުރަން ދެކޮޅު ހެދުމަށް ފަހު، އޭނާ އެ ސިޓީގައި ސޮއިކުރީ އެކައުންޓަށް ޖަމާވި ފައިސާއަކީ މަނީ ލޯންޑާ ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ހަދައި ޖަލަށް ލާނެ ކަމަށް ބިރު ދެއްކުމުން ކަމަށް ޖަވީދު ބުނެފައި ވެ އެވެ.
އެ ސިޓީގައި އޭނާ ސޮއިކުރިއިރު ހެކިވެރިން ވެސް ނެތް އިރު އޭގެ ފަހުން ރަށުގެ ދެ މީހަކު ސިޓީގައި ސޮއިކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނި ކަމަށް ޖަވީދު ތުހުމަތު ކުރެ އެވެ. އެ މީހުންގެ އިނގިލީގެ ނިޝާން ވެސް ސިޓީގައި ނެތްއިރު ތާރީހު ވެސް ޖެހީ ބޭންކުން ކަމަށް ޖަވީދު ތުހުމަތު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ