ބަޖެޓް 25 ބިލިއަނަށް ކުޑަކުރުމަށް ގޮވާލަން: މެމްބަރު ސަލީމް

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް 25 ބިލިއަނަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެދިވަޑައިގެންފިއެވެ.
2022 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ، ބަޖެޓްގެ ދަރަނި ބޮޑުވުމުން ޑޮލަރުގެ އަގު ނުހިފެހެއްޓޭނެ ކަމަށާއި ބަޖެޓު ކަނޑައަޅާފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް މާބޮޑަށް ބެލުމެއް ނެތި ކަމަށެވެ.
ސަލީމް ވިދާޅުވިީ ބަޖެޓުން ފެނިގެންދަނީ ދަރަނި އިތުރުވެގެންދާ މަންޒަރުކަމަށާއި އަދި މިހާރު ހުށަހަޅާފައިއޮތް ބަޖެޓް 25 ބިލިޔަނަށް ކުޑަކުރުމަށް ގޮވާލާ ކަމަށެވެ.
އަދި ރާއްޖޭގެ ދަރަނި އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންދާއިރު، ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ކޮންމެ އަހަރަކުވެސް ފެނިގެންދަނީ 13 ބިލިޔަން ނުވަތަ 14 ބިލިޔަނުން ބަޖެޓް ދަރަނިވެރިވަމުންދާ ތަން ކަމަށް ސަލީމް ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ބޮޑު ތަނުން ދަށްވެ ދަރަނީގެ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، މިހާލަތުގައި މަސައްކަތް ކުރަންޖެހޭނީ ދަރަނި ނަގާ މިންވަރު އިތުރު ނުކޮށް ދަރަނި ކުޑަ ކުރަން ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި ތަރައްގީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ