ކަރަންޓު ދިނުމުގައި ކެޕޭސިޓީގެ މައްސަލަ ދެން ދިމާ ނުވާނެ: މުގުނީ

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކެޕޭސިޓީ ނެތުމުގެ އެއްވެސް މައްސަލައެއް ދެން ދިމާ ނުވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެއެވެ. ރޭ ސަންގުޓީވީގައި ވާހަކަދައްކަވަމުން މުގުނީ ވިދާޅުވީ ޕީކް ސީޒަނާ ދިމާކޮށް މާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގެ ތެރެއިން ކެޕޭސިޓީ ނެތުމުގެ މައްސަލަ މީގެ ކުރިން ދިމާވަމުން އައިކަމަށެވެ. ނަމަވެސް ހުޅުމާލެއާ މާލެ އާ ދެމެދު ކަރަންޓު ވިއުގަ ގުޅާލެވުމާއެކު އެފަދަ މައްސަލަތަކަށް ވެސް ހައްލު ލިބިގެންދާނެކަމަށެވެ. "މީގެ އެއްބައި އެއީ ހުޅުމާލެއާއި މާލެއާ ދެމެދު އިންޓަކަނެކްޝަންތަކެއް ގުޅާލުން. އެނގިވަޑައިގަންނަވާނެ ފަދައިން 50 މެގަވޯޓުގެ ޕަވާ ޕްލާންޓެއް ގާއިމުކޮށްފައިވާނީ. އެއީ ހުޅުމާލެއަށް މި ވަގުތަށް ބޭނުންވާ ވަރަށްވުރެ އިތުރު ކެޕޭސިޓީ. އެެހެންވީމާ އެ ކެޕޭސިޓީ އަޅުގަނޑުމެންނަށް މާލެއަށް ޓްރާންސްފާކުރެވެން މި އޮންނަނީ މި އިންޓަކަނެކްޝަނާއެކު،" މުގުނީ ވިދާޅުވިއެވެ. އެއާއެކު މިހާރު ކަރަންޓު ކެނޑުނުކަމުގައިވީ ނަމަވެސް ކަރަންޓު އަލުން ދިނުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަމަށް މުގުނީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތަކީ ދުރާލާ ރާވައިގެން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. އަދި އަބަދުވެސް ހިދުމަތް ދެވޭ ފެންވަރަށް ކެޕޭސިޓީ ބަހައްޓާކަމަށް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ކެޕޭސިޓީގެ މައްސައެއް ދެން ދިމައެއްް ނުވާނެ،" މުގުނީ ވިދާޅުވިއެވެ. މުގުނީ ވިދާޅުވީ މިހާރު ވެސް ހުޅުމާލޭގައި ކަރަންޓު ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ އެ މަސައްކަތް ރޭވުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2023ވަނަ އަހަރަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް މުގުނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ