ވޯޓުލުމަށްފަހު ވޯޓުކަރުދާސްކޮޅުގެ ސައްހަކަން ނުބެލޭނެ: އިއްތިހާދު

ވޯޓުލުމަށްފަހު ވޯޓުކަރުދާސްކޮޅުގެ ސައްހަކަން ނުބެލޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ވޯޓުލުމުގެ ކުރިން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.
އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ވޯޓުލުމަށްފަހު ވޯޓުގުނުމުގެ ކުރިން ވަކި ޑިވައިސްއެއް ބޭނުންކޮށްގެން ވޯޓުކަރުދާސްކޮޅުގެ ސައްހަކަން ބެލުމަށްފަހު ގުނާނީ ސައްހަ ކަރުދާސްތައް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ކަމަށެވެ. މާރިޔާ ވިދާޅުވީ މިއީ ދުނިޔޭގައި އެއްވެސް ތަނެއްގައި ކަންކުރާ ގޮތް ނޫން ކަމަށާއި ވޯޓުކަރުދާހުގެ ސައްހަކަން ބަލަންޖެހޭނީ ވޯޓުލުމުގެ ކުރިން ކަމަށެވެ.
މާރިޔާ ވިދާޅުވީ ވޯޓުލުމުގެ ފަހުން އެކަން ކުރާނަމަ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށާއި މިއީ ރައީސް ޔާމީނަށް ފަހިވާގޮތަށް ނަތީޖާ ގެނައުމަށް ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މިކަން ވަގުތުން ހުއްޓާލުމަށް މާރިޔާ ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.
"އިލެކްޝަނުން ފޮނުވާ ކަރުދާސްކޮޅެއް މީހުން ބޭނުންކުރަނީ. އިލެކްޝަނުން ސައްހަތޯ ބަލާ ކަމަށްވާނަމަ މީހާގެ އަތަށް ދިނުމުގެ ކުރިން ބެލޭނެ. ފޮށިތެރޭ އޮންނަ ކަރުދާސްކޮޅެއް ނޫން އެބޭފުޅުން ބައްލަވަންވީ. އިލެކްޝަނުން ދޭ ކަރުދާސްކޮޅެއްގައި ވޯޓުއަޅަނީ. އެބޭފުޅުންގެ އަމިއްލަ ނަފުސާ ދޭތެރޭ މިހާރު އެބޭފުޅުން އިތުބާރު ނެތިގެން އެއުޅުއްވަނީ" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ވޯޓުލައި ނިމުމުން ދެންކުރަންޖެހޭ ކަމަކީ ވޯޓުގުނުން ކަމަށާއި ކަރުދާސްކޮޅުގެ ސައްހަކަން ބަލަންޖެހޭނީ ވޯޓުލުމުގެ ކުރިން ކަމަށެވެ. ވޯޓުފޮއްޓާ ހަމައަށްދާ ކަރުދާސްކޮޅަކީ ސައްހަ ކަރުދާސްކޮޅެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށާއި އެހެން އެކަން ނުވާނަމަ ކޮމިޝަނުގައި ގާބިލްކަން ނެތީ ކަމަށެވެ. ވޯޓުލާ މަރުކަޒަށް ގަލަމެއް ފިޔަވައި އެެހެން އެއްވެސް އެއްޗެއް ނުވެއްދޭއިރު މިފަދަ ވާހަކައެއް ކޮމިޝަނުން ދެއްކުމުން ވަރަށް ކަންބޮޑުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އޮބްޒާވަރުންގެ ގޮތުގައި ބޭރުގެ 80 ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު އެއީ ކޮން ބައެއްކަން ވެސް އެނގެންޖެހޭ ކަމަށެވެ. އެމީހުނަކީ ބޭރުދުނިޔޭގައި ބަސްބުނެވޭ އަދި އިތުބާރުހުރި ބަޔަކަށް ވާންޖެހޭ ކަމަށެވެ. އދ.އާއި އީޔޫ ފަދަ ޖަމާއަތްތަކުން ރަސްމީ ސިފައެއްގައި އޮބްޒާވަރުން ބައިވެރިނުކުރާނެ ކަމަށް ބުނެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ހުއްދަދިން ބޭރުގެ އޮބްޒާވަރުންނަކީ ކޮންބައެއްކަން ނޭނގޭނަމަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބައެނގެންޖެހޭ މިވިދާޅުވާ ބޭރުގެ މީހުންނަކީ ކޮންބައެއްކަން. އިލެކްޝަންސް ކޮމިޝަނުން މިއީ ދެފުށްފެންނަ ހާމަކަންބޮޑު އިންތިޚާބަކަށް ހަދަންޖެހޭ. އެކަމަކު މިފެންނަނީ ހުރިހާ ކަމެއް ސިއްރުކުރާތަން. ކެންޑިޑޭޓުން ސޮއިކުރައްވާނެ ވޯޓުލާސް ލިސްޓު ސިއްރުކުރުން. އަދި މި 85 ބޭރުމީހުންގެ މައުލޫމާތު ވެސް ނުދީ މިގޮތަށް ކަން ކުރެއްވީމަ ކަމަކު ނުދާނެ" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އޮބްޒާވަރުންނާއި އޮފިޝަލުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ދިހަވަރަކަށް ހާސް މީހުންގެ ފޯމު ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް ޚަބަރެއް ނުވާ ކަމަށެވެ. އިންތިޚާބަށް ދެހަފުތާއަށްވުރެ ކުޑަތަންވެފައިވާއިރު އޮބްޒާވަރުންނާއި އޮފިޝަލުން ރަށްރަށަށް ފޮނުވުމަށް ވަގުތު އޮއްވައި ފާސް ބޭނުންވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރަށް މާރިޔާ ވިދާޅުވީ ކެންޑިޑޭޓް ސޮއިކުރުމަށް ފަހުގެ ވޯޓާސް ލިސްޓު އަދިވެސް ނުލިބޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފައިވާ ލިސްޓަށް އޭގެ ފަހުން އެތައް ބަދަލުތަކެއް އައިސްފައިވުމުން އެއީ ފުރިހަމަ ލިސްޓެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ