މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރުމަށް އުމަރު ހުށަހަޅުއްވައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށާއި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
އުމަރުގެ އަރިސްބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ސަން އަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށާއި އުއްތަމަ ފަނޑިޔާރަށް އުމަރު ސިޓީ ފޮނުއްވާފައި ވަނީ މިއަދު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސިޓީ ފޮނުވާފައި ވަނީ ޝަރީއަތުގައި މިހާތަނަށް ގާޒީ އަބްދުﷲ ދީދީ އަމަލުކުރައްވާފައިވާ ގޮތަށް ބަލާއިރު، އުމަރާ މެދު އިންސާފުން ޝަރީއަތް ހިންގިދާނެ ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
އުމަރުގެ މައްޗަށް ދައުލަތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރީއަތުގައި އޭނާ އިޖުރާއީ ނުކުތާއެއް ނެންގެވުމުން ގާޒީ ނިންމަވާފައި ވަނީ އެއީ އިޖުރާއީ ނުކުތާއެއް ކަމަށް ބަލައިނުގަތުމަށެވެ.
ގާޒީ ވިދާޅުވީ އިޖުރާއީ ނުކުތާގައި އުމަރު ފާހަގަކުރައްވާފައިވާ ކަމަކީ މައުޟޫއީގޮތުން އެ މައްސަލައިގައި ބެލިގެންދާނެ ކަމަކަށް ވާތީ، އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެކަން ބެލެންނެތް ކަމަށެވެ. ގާޒީ އެގޮތަށް ނިންމެވުމުން އުމަރުގެ ވަކީލު ވަނީ އިޖުރާއީ ނުކުތާއެއް ކަމަށް ބަލައިގަތް ކަމުގެ ލިޔުމަކަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ކޯޓުން ނިންމާ ކޮންމެ ކަމަކަށް ލިޔުމެއް ދޫކުރަން ނުޖެހޭނެ ކަމަށެވެ.
އުމަރުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އެމަނިކުނާފުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި 50 ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައި އިދާރާ ތެރެއަށް ވަނުމަށް ދޭހަވާގޮތަށް އޭނާ ވާހަކަދައްކަވާފައިވާ ކަމަށް ތުހުމަތުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ