ކަރެކްޝަނުން ގާސިމް އިބްރާހިމާއި ހަވާލުވެއްޖެ

ރޭ ދަންވަރު ކޯޓް ހުޅުވައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ހުކުމްކުރުމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ދާދި ދެންމެއަކު ހަވާލުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
އެ މުއައްސަސާއިން ބުނީ ގާސިމްގެ މައްޗަށް ރޭ ދަންވަރު ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވުމާއި ކަރެކްޝަންގެ ބެލުމުގެ ދަށައް ގެނެސްފައިވާކަމަށެވެ. ނަމަވެސް މިވަގުތު ގާސިމް އިބްރާހިމް އޮންނެވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައިކަމަށްވާތީ ގާސިމް އޮންނަވާނީ ހޮސްޕިޓަލްގައިކަމަށެވެ.
އަދި ގާސިމް އިބްރާހިމާއިމެދު އިތުރަށް އަމަލުކުރާނެ ގޮތެއް ނިންމާނީ ހޮސްޕިޓަލުން އެމަނިކުފާނު ދޫކޮށްލުމުންކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.
މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވީޓީވީއަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައިވަނީ ހާލުކޮޅު ސީރިއަސްވުމާއި ގުޅިގެންކަމަށާ އެހެންކަމުން މިހާލަތުގައި ކަރެކްޝަނުން ގާސިމް އިބްރާހިމް ޖަލަށް ބަދަލު ނުކުރާނެކަމަށް އުންމީދުކުރާކަމަށެވެ.
ކޯޓްތަކުން އިއްވާ ހުކުމްތަކަށް ގާސިމް އިބްރާހިމާއި ޖުމްހޫރީ ޕާޓީން އަބަދުވެސް އިހްތިރާމްކުރާނެކަމަށާ ނަމަވެސް ގާސިމްގެ މައްޗަށް ދަންވަރު ކޯޓް ހުޅުވައިގެން އަވަސް އަރުވާލައިގެން އިއްވި ހުކުމާއިމެދު ކަންބޮޑުވާތީ އެކަމަށް ހައްލު ހޯދުމަށް މަތީ މަރުހަލާގެ ކޯޓްތަކަށް ދާނެކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ގާސިމްގެ ހާލަތު ހުރިގޮތުން އެމަނިކުފާނަށް ފަރުވާދެވެން އަންނަނީ ރާއްޖެއިން ބޭރަށް ގެންގޮސްގެންކަމަށްވާތީ ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ވުމަކީ ޖުމްހޫރީ ޕާޓީއާއި ގާސިމްގެ އާއިލާގެ އެދުމެއްކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ކޯޓުން ރޭ ވަނީ އަމުރުވެސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ