ނޮވެމްބަރު 3، 1988 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި ކޮޅުނބުގައި އެބަހުރި ކަމަށް ފުލުހުން ބުނެފިއެވެ.
ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިއުމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން ކަށަވަރުދޭ ކަމަށެވެ. އަދި މިވަގުތު ކޮޅުނބުގައި އަބްދުﷲ ލުތުފީ ބަލަހައްޓަމުން ގެންދަނީ ދިވެހި ފުލުހުން ކަމަށްވެސް ބުނެފައި ވެއެވެ.
"ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިވަގުތު ހުރީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލެހެއްޓުމުގެ ދަށުގައި ކަމުގައި ދަންނަވަމެވެ. 2010 ޖެނުއަރީ 16 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، އެނބުރި އައިސްފައި ނުވާތީވެ އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ފަރާތުން 26 މާޗް 2012 ވަނަ ދުވަހު ވަނީ އަބްދުﷲ ލުތުފީ ހޯދުމަށްފަހު ހުކުމް ތަންފީޒު ކުރުމަށްޓަކައި އެ ޑިޕާޓްމަންޓާ ހަވާލުކޮށް ދެއްވުން އެދި މިސަރވިސަސްއަށް މައްސަލަ ހުށަހަޅުއްވާފައެވެ. އަބްދުﷲ ލުތުފީ ހޯދުމަށްޓަކައި މި ސަރވިސަސްއިން އެވަގުތަށް ކުރެވެންހުރި މަސައްކަތްކޮށް އޭނާ ހޯދުމުގައި ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް 2019 މެއި 1 ވަނަ ދުވަހު ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އަބްދުﷲ ލުތުފީ ހާޒިރުވުމާ ގުޅިގެން ދިވެހި ފުލުހުންނާއި ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަބްދުﷲ ލުތުފީ ރާއްޖެއަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް މިދަނީ ކުރަމުންނެވެ. އަދި މިވަގުތު ކޮލަމްބޯގައި އަބްދުﷲ ލުތުފީ ބަލަހައްޓަމުން ދަނީ ދިވެހި ފުލުހުން ކަމުގައި ދަންނަވަމެވެ" ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އަބްދުﷲ ލުތުފީ، މެއި 1 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ނަމަވެސް، މިކަން މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީންވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި ކޮޅުނބުގައި އެބަހުރި ކަމަށް ފުލުހުން ހާމަކޮށްފައި މިވަނީ، އޭނާ ރާއްޖެގެނައުމަށް މި ސަރުކާރުން މަސައްކަތްކުރޭތޯ ސާފުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށައަޅާފައި ވަނިކޮށެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.
ލުތުފީއަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލީ ބޭސްފަރުވާ އަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ލުތުފީ ރާއްޖެ ގެނައުމަށް މަސައްކަތްތަކެއް ކުރިކަން ފުލުހުން ހާމަކޮށްފައި ވެއެވެ. ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ދިން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ލުތުފީ ހޯދައި ހައްޔަރު ކުރެވޭފަދަ މައުލޫމާތެއް ދޭ ފަރާތަކަށް 10،000 އެމެރިކާ ޑޮލަރު ނުވަތަ 154،200 ރުފިޔާ ދޭން ނިންމައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އިއުލާނު ކުރެއްވިއެވެ.
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ