މިއީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން، ބޭނުންވީ އިއްތިހާދަށް މަޖިލީސް ލިބުން: މައުމޫން

މިހާރު ހިނގަމުންދާ ސަރުކާރަކީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫންކަމަށާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންވަނީ އިއްތިހާދަށް މެޖޯރިޓީ ހޯދުންކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ އެއް ލީޑަރުކަމަށްވާ ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ތާއީދާއެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއިއެކު ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި އެެމްއާރުއެމްއަށް ނިސްބަތްވާ ބޭފުޅުން ނިކުންނަނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ނޫންކަމަށެވެ. މިހާރު ހިނގަމުންދާ ސަރުކާރަކީ ވަކި ޕާޓީއަަކަށް ނިސްބަތްވާ ސަރުކާރެއް ނޫންކަމަށާ މިއީ އިއްތިހާދުގެ ސަރުކާރެއްކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަކީ އިއްތިހާދުގެ ސަރުކާރެއްކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންވަނީ އިއްތިހާދަށް މެޖޯރިޓީ ހޯދުންކަމަށެވެ.
އަދި އެގޮތުގެ މަތިން ހުރިހާ ބޭފުޅުންވެސް މަސައްކަތްކޮށްދެއްވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން ނިކުންނަވާ ކެންޑިޑޭޓުންނަށް ރޭ އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެގޮތުން ނުހައްގުން އެއްޗެއް ނުހޯދުމަށާއި، ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ބައެއް ބޭފުޅުން މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމާއެކު، ކުއްލިއަކަށް މުއްސަދިވެގެންދާކަމަށާ އެއީ ގަބޫލުކުރެއްވޭނެކަމެއް ނޫންކަމަށެވެ. އަދި އެފަދަ މަގަކުން އެއްވެސް މެންބަރަކު ނުހިންގެވުމަށް ރައީސް މައުމޫން އިލްތިމާސްކުރެއްވިއެވެ.
އަދި މެންބަރުން ނަޒާހަތްތެރި، ރައްޔިތުންނަށް ވަފާތެރި މެންބަރުންގެ ގޮތުގައި ދައުރުފުރިހަމަކުރުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލެއްވިއެވެ.
އެމްއާރްއެމްގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 30 އަށް ވުރެ ގިނަ ދާއިރާއަށް ކުރިމަތިލުމަށް ވަނީ ނިންމާފަ އެވެ. އަދި ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ގޮނޑި ގެއްލުނު ކަަމަށް ބުނެފައިވާ މަޖިލީހުގެ 12 މެންބަރުން މިއިންތިހާބުގައި ވާދަކުރައްވާނަމަ އެ ބޭފުޅުންނަށް ތާއީދުކުރެއްވުމަށް ވެސް ރައީސް މައުމޫން ވަނީ ނިންމަވާފަ އެވެ.
އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވެސް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ