13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފި

އެކި ދުވަސްމަތިން 13 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެއްސެކެވެ.
އެގޮތުން މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ބުރާސްފަތި ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް މިމީހާ ހާޒިރު ކުރުމުން އެމީހާގެ ބަންދަށް އަށް ދުވަހުގެ މުއްދަތެއްް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިފަހުން 11 އަހަރުގެ ކުއްޖަކު ގްރޫމްކޮށް ރޭޕް ކުރި މައްސަލައެއްގައި މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ. އަދި 16 އަހަރުގެ ކުއްޖަކު އާއިލާއަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި އެ ކުއްޖާ ރޭޕް ކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާއަށް ވެސް ދައުވާ އުފުލައިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ