ކޮވިޑް-19 އާއެކު އެއްމެން ވެސް ވަދެފައި ވަނީ ކަމާބެހޭ ފަރާތްތަކުގެ ލަފައާއެކު ގެއަށެވެ. ފަތިސް ނަމާދަށް ފަހު މާލެ ވަށާ ހިނގާލަން ދާ މީހުން ވަނީ ގެއަށެވެ. ދުވާ ޓްރެކް ބަންދުކޮށް އެތަނަށް ނުވަދެވޭ ގޮތަށް ހެދި އެވެ. އެތަނަށް ދުވަން ކަސްރަތު ކުރަން ދާ މީހުން ވެސް ވަނީ ގެއަށެވެ. ހަވީރާއި އިރުއޮއްސޭ އިރު ކަސްރަތަށް ހިނގާ މީހުން ދުވާ މީހުން ވެސް ވަނީ ގެއަށެވެ. އަދި ސްކޫލް ބަންދުވުމާ އެކީ އެތައް ހާސް ކުދިން ވެސް ވަނީ ގެއަށެވެ. އާއްމުންގެ އެއްބާރުލުމާއެކު ބަލި ފެތުރުނަ ނުދީ އިންފެކްޝަން ރޭޓް ދަށް ކުރެވުނީ ވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާށް ކިޔަމަންތެރިވުމުގެ ނަތީޖާއިން ކަމަށް އެންއީއޯސީން އިން ޑރ. ޝީނާ ވިދާޅުވެ އެވެ.
ޖިމްތައް ބަންދު ކުރުމުން ކުޅިވަރު ކުރުމާއި ހެލިފެލިވެ އުޅުމުގެ ފުރުސަތު ގެއްލިގެން ދިޔައީ އެވެ. ގޭތެރޭގައި މިކަން ކޮށްލާ އުޅެވޭނީ ވަރަށް މަދުބަޔަކަށް ކަން ޔަގީނެވެ. ކޮންމެ ކޮންމެ ގެއެއްގައި ޖާގައެއް ނޯންނާނެ އެވެ. ކަސްރަތު ކުރަން ފަސޭހަ ނުވެދާނެ އެވެ. އަދި ރޯދަމަހަކީ ކެއިން ބުއިމަށް ބޮޑު ބަދަލެއް އަންނަ މަހަކަށްވާއިރު ރޯދަމަސް ދިޔައީ ވެސް ލޮކްޑައުންގަ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ލޮކްޑައުން އުވާލާ ދެވަނަ ފޭސްއަކަށް ގޮސް ހުޅުވާލިއިރު ފެނުނީ އެއް ކަމެކެވެ. ދެ މަސްދުވަސް ވަން ދެން ގޭގައި ތިބި މީހުންނަށް ކަސްރަތު ކޮށްލަން ފުރުސަތު ހުޅުވާލިތަނެވެ. ދުވާށާއި ހިނގަން އަދި ބައިސްކަލް ދުއްވާލުމަށް ފުރުސަތު ފަހިކޮ ށްދިން ތަނެވެ. ކުޑަކުދިންނަށް ދިން ފުރުސަތުތަކަށް ބަލާއިރު ގޭ ދޮށުގައި ކުޅެލާނެ ފުރުސަތު އެ ކުދިންނަށް ލިބުނެވެ.
ނަމަވެސް ރާއްޖޭގައި ފުރުސަތު ހުޅުވާލީ 65 އަހަރުން މަތީ މީހުންނަށް ފުލުހުންގެ ހުއްދައާއެކު ފަތިހު 5:00 އިން ހެދުނު 8:00 އަކަށް ހަރަކާތްތެރިވެ އުޅޭށެވެ. އާބަދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމުގައިވާއިރު އެ ބަޔަށް މި ފަދަ އެއްވެސް ފުރުސަތެއް އަދިވެސް ނެތެވެ. ލުޔެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ ހަފުތާއަކު ދެ ދުވަހު، ކޮންމެ ގޭބީސީއަކުން ތިން މީހުނަށް ފުލުހުންގެ ހުއްދައާއެކު ބޭރަށް ނުކުމެ އުޅެވޭ ގޮތަށެވެ.
ކޮވިޑް-19 އާއެކު ގެނައި ލޮކްޑައުނަކީ ހަރަކާތްތެރިވެ ކަސްރަތު ކުރުމަށް އެޅުނު ވަރަށް ބޮޑު އެއް ހުރަހަކަށް ވެފައި ވެއެވެ. ލޮކްޑައުން ލުއި ކުރާ ވާހަކަ ދެއްކުމުން އެއްމެނަށްހެން ކުރެވެނީ އެއް ސުވާލެކެވެ. އިޖްތިމާއީ ގައިދުރު ކުރުމާއެކު މާލޭގައި ގޭ ބަންދުވެފައި ތިބި އެތައް ބަޔަކަށް ކަސްރަތު ކުރުމަށް ފުރުސަތު ލިބޭނެ ކަމުގެ އުއްމީދު ވެސް އޮތެވެ.
މީގެ ކުރިން އެންއީއޯސީ އިން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް، ވިދާޅުވެފައިވާ ގޮތުގައި ލޮކްޑައުނާއެކު ގައިންގަޔަށް އަރާ އެކި ބަލިތައް މީގެ ތިން އަހަރާއި އަޅާބަލާއިރު މިހާތަނަށް ރިޕޯޓު ކޮށްފައިވާ މިންވަރު ދަށެވެ.
ޑރ. އިބްރާހިމް އަފްޒަލް
ޑެންގޫ އަދި ބޭރަހިނގުމުގެ ރޯގާ އަދި އިންފުލެއެންޒާ ފަދަ ކޭސް މަދުވެފައި ވެކައެވެ. ލޮކްޑައުންގައި ތިބޭއިރު ގައިންގަޔަށް ނާރަ ބަލި އިތުރުވުމުގެ ކިހާވަރެއްގެ ފުރުސަތު އެބައޮތް ހެއްޔެވެ؟ ލޮކްޑައުންގައި ޒުވާން އަބާދީގެ ލައިފްސްޓައިލަށް، ކެއުމުގެ އާދަ އާއި ހަރަކާތްތެރިވެ އުޅުމަށް ބޮޑު ބަދަލެއް ގެންނަންޖެހިފައިވާމީހުންނަށް ކަސްރަތު ކުރުމަށް ފުރުސަތު ފަހި ނުކޮށް ދިނީ ކީއްވެގެން ހެއްޔެވެ؟
ލޮކްޑައުން ލުއި ކުރުމުގައި ކަސްރަތު ކުރަން ފުރުސަތު ނުދޭންވީ ކީއްވެ ހެއްޔެވެ؟ އިހުގައި ކަސްރަތުކޮށް އުޅުނު މީހުން ކަސްރަތުން ދުރުވާހާ ދުވަސް ލޮކްޑައުންގައި ހިނގައްޖެ އެވެ. ހަށިގަނޑަށް ބޮޑެތި ބަދަލު އަންނަހާ ދުވަސްވެފައިވާ އިރު ދުޅަހެޔޮ ލައިފްސްޓައިލްއެއްގެ އާދަތަކުގައި ހިފެހެއްޓުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އިތުރުވެ ހަކުރު ބައްޔާއި ހިތުގެ ބައްޔާއި ކެންސަރާއި ކިޑްނީ ބަލިތައް ފަދަ ބަލިތަކަށް ފުރުސަތު ބޮޑު ވެއެވެ.
ސިއްހީ ނިޒާމަށް ނުކަތާވަރަށް މިފަދަ ބޮޑި ބަލިތަކާއި ކުރިމަތިލާންޖެހިދާނެ ތީ ކަންބޮޑެއް ނުވޭ ހެއްުޔެވެ؟ ގައިން ގައިން އަރާ ބަލިހާ ފަސޭހައިން އެފަދަ ބަލިތައް ފަސޭހަ ނުވާއިރު މުޅި އުމުރަށް ބޭސް ކާން ޖެހި ކޮންމެވެސް ޓްރީޓްމަންޓްއެއް ނަގަން ޖެހިދާނެ ކަމާއި މެދު ކަންބޮޑު ނުވޭ ހެއްޔެވެ؟ ގައިންގައިން އަރާބަލިތެކޭ އެއްގޮތަށް މި ސްޓެޓިސްޓިކްސް އާއި މެދުވެސް ކަންބޮޑުވުން އެބަހުއްޓެވެ.
ކަސްރަތުކުރުމަށް ފުރުސަތު ލިބޭނެ ކަމަށް އެދި މީހަކު ކޮށްފައިވާ ޓްވީޓެއް
ލުއި ކުރުމުގެ ވާހަކަތަކާއެކު ތަނެއްގައި ބަންދުވެފައި ތިބި ބަޔަކަށް ނަފްސާނީ ގޮތުން އަސަަރުތަކެއް ކުރާނެ އެވެ. އުއްމީދަކީ ކޮވިޑް-19 އާއެކު ލިބުނު ހާސްކަން ފިލުވާލައި ކަސްރަތުކޮށްލަން ބޭރަށް ނުކުތުމެވެ. އިޖްތިމާއި ގައިދުރު ކުރުމާއެކު ދުވެލައި ހިނގާލާށެވެ. އުމުރުގެ ބޮޑުބައި ދުޅަހެޔޮ އަދި ހަށިހެޔޮކޮށް ހުރި ހުރުން އެގޮތަށް ބޭއްވުމަށް ކަސްރަތަށް ދާށެވެ.
ބެލެނިވެރިންގެ ކަންބޮޑުވުމަކަށްވެފައި ވަނީ ސްކްރީނުގެ އަޅުންގެ ގޮތުގައި ތިބި އެތައްހާސް ކުޑަކުދިން އެ ކުދިންގެ ލޯތައް އެހެން ދިމާލަކަށް ގެންދިއުމަށް ފުރުސަތެއް ނުދީގެނެވެ. ހަރަކާތްތެރިވާނެ ފުރުސަތު ހޯދައި ނުދެވިގެނެވެ. އެހެން ނޫނީ ދެން ދިމާވާ މައްސަލަތައް މާ ބޮޑު ވާނެތީ އެވެ.
ކުދިން ކުޅެން ފުރުސަތު ހޯދައި ދިނުމަށް އެދި މީހަކު ކޮށްފައިވާ ޓްވީޓެއް
މި ކަންބޮޑުވުންތަކާއެކު ސޯޝަލް މީޑިއާގައި ވަރަށް ގިނަ ފަރާތްތަކުން އަންނަނީ އެމީހުންގެ ޝުއޫރު ވެސް ހިއްސާ ކުރަމުންނެވެ. ލޮކްޑައުނުން މި ލިބުނު ލުޔަކީ ހަށިގަނޑަށާއި ސިކުނޑިއަށް ލުއެއް ނުލިބި ލިބިނު ލުޔެއް ކަމުގައި ބައެއް ފަރާތްތައް ސިފަ ކޮށްފައި ވެއެވެ. އަދި ދުޅަހެޔޮ ހަށިހެޔޮ ލައިފްސްޓައިލަކަށް ދާން ބޭނުންވެފައިވާ ތިބި މީހުން ކެތްމަދުވެފައި ވަނީ ކަސްރަތު ކުރުމަށް ފުރުސަތު ދޭނެ ވަގުތަކަށެވެ.
މީހުނަށް ލިބުނީ ލުޔަކަށް ނުވާ ލުޔެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ