ވޯލްޑް ކަޕް 2022: ފަސޭހަ މޮޅަކުން އިންގްލެންޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި

ފީފާ ވޯލްޑް ކަަޕް 2022 ގެ ދެވަނަ ބުރުގައި ފަސޭހަކަމާއެކު ސެނެގާލް ބަލިކޮށް 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑުން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.
1966 ވަނަ އަހަރުގެ ފުޓްބޯޅަ ވޯލްޑް ކަޕްގައި އިންގްލެންޑުން ހޯދި ކާމިޔާބީއަކީ 20 ވަނަ ގަރުނުގައި އިނގިރޭސި ކުޅިވަރުގެ ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.
އާދީއްތަ ދުވަހުގެ ރޭ އަލް ބައިތު ސްޓޭޑިއަމްގައި އޮތް އިންގްލެންޑާއި ސެނެގާލްގެ ކުރިމަތިލުން ނިމިފައިވަނީ 3-0 ގެ ނަތީޖާއަކުނެވެ.
މުޅި މެޗަށް ބަލާއިރު، ބޯޅަ ހިފަހައްޓައިގެން އެންމެ ގިނައިިރު ކުޅެފައިވަނީ އިންގްލެންޑުންނެވެ. މިމެޗުގައި އެޓީމުން 8 ހަމަލާ އުފެއްދިއިރު ގޯލާ އަމާޒުކުރެވިފައި ވަނީ 4 ހަމަލާއެވެ. ސެނެގާލުން 10 ހަމަލާއެއް އުފެއްދިއިރު، ގޯލަށް އަމާޒުކުރެވުނީ އެންމެ ހަމަލާއެކެވެ.
އިންގްލެންޑުން ޖުމުލަ 16 ފައުލްކުރި މިމެޗުގައި ސެނެގާލުންވެސް ވަނީ 12 ފައުލްކޮށްފައެވެ. އެކަމަކު ސެނެގާލްގެ ކުޅުންތެރިޔަކަށް ދެއްކި ރީނދޫ ކާޑެއް ފިޔަވައި މިމެޗުގައި އިތުރު ކާޑެއް ދައްކާފައި ނުވެއެެވެ.
މިމެޗުގެ ފުރަަތަމަ ހާފަށް ބަލާއިރު، ދެޓީމުން ވެސް ފެނުނީ ދާދި އެއްގޮތް ކުޅުމެކެވެ. އަވަސް ކުޅުމަކުން ހަމަލާތައް އުފައްދަން ދެޓީމުން ވެސް މަސައްކަތް ކުރިއެވެ.
މިމެޗުގައި ޖެހި ފުރަތަމަ ލަނޑަކީ 38 ވަނަ މިނިޓުގައި އިންގްލެންޑްގެ ޖޫޑް ބެލިންގްހަމްގެ އެހީތެރިކަމާއެކު ޖޯޑަން ހެންޑާސަން ކާމިޔާބުކުރި ލަނޑެކެވެ. އެޓީމުން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. ފުރަތަމަ ހާފު ނިންމާލީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެކަމަކު އިންގްލެންޑުން ވަނީ މިހާފުގައި ވެސް ލަނޑެއް ޖަހާފައެވެ. ބުކާޔޯ ސަކާ ޖެހި މިލަނޑަކީ މެޗުގެ ފަހު ލަނޑަށްވާއިރު، މިމެޗު ނިމުނީ 3-0 ގެ ނަތީޖާއަކުން ސެނެގާލް ބަލިވެގެންނެވެ.
ކުއާޓާ ފައިނަލްގައި އިންގްލެންޑުން ކުޅެން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ