މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މަސްވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވާނެ: މިފްކޯ

އިނގިރޭސިވިލާތުން ދިވެހިރާއްޖޭއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަކީ މަސްވެރިކަމަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެކަމެއް ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ބުނެފިއެވެ.
ރާއްޖެއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާތައް ފެށުމަށް އިނގިރޭސިވިލާތުން އިއުލާންކުރުމާއި ގުޅިގެން އަދި އިނގިރޭސިވިލާތައް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ އިނާޔަތް ލިބޭގޮތައް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ސަރުކާރުން ކުރައްވާ މަސައްކަތަށް މިފްކޯއިން ވަނީ މަރުހަބާ ކިޔާފައެވެ.
މިފްކޯއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން އިނގިރޭސިވިލާތައް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ ޑިއުޓީއަށް އިނާޔަތްލިބި، މަހުގެ އެކި އުފެއްދުންތައް އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށެވެ. އަދި މިއާއިއެކު މަސްވެރިކަން ކޮށްގެން ލިބޭ އާމްދަނީ އިތުރުވެ މަސްވެރިކަމަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެކަމަށެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މި ފެށިގެންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި، މަސްވެރިކަމުން ލިބޭ މަންފާ އިތުރުކުރުމަށް ސަރުކާރުން އިސްކަން ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލުތަކެއް ހޯދަވައިދެއްވުމަށް ކުރައްވާ މަސައްކަތްތަކަށް މިފްކޯއިން ޝުކުރުވެރިވާކަން ފައުޒީ ފާހަގަކުރެއްވިއެވެ.
މިފްކޯއަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ އިސްދައުރެއް އަދާކުރާ ކުންފުންޏެވެ. މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސް ކިރާ ސެންޓަރުތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ގަންނަ އިތުރު ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ