މޫސުން ބަލާ ފުއްޕާހަމަކީ ދުނިޔެއަށް މުހިންމު ނިޒާމެއް: މޫސުމާ ބެހޭ ޖަމިއްޔާ

ދުނިޔެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ކުއްލިއަކަށް މޫސުން ބަދަލުވުން ކަމަށް ދުނިޔޭ މޫސުމާ ބެހޭ ޖަމިއްޔާ -- ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭންއިން ބުނެފި އެވެ.
މޫސުމާ ބެހޭ ޖަމިއްޔާއިން ބުނި ގޮތުގައި މޫސުން ބަލަން ފުއްޕާހަންތައް ހަވަޔަށް ފޮނުވުމަކީ އަދަކު ނުވަތަ އިއްޔެއަކު ކުރަން ފެށި ކަމެއް ނޫން ކަމަށެވެ.
ވައިގެ ތެރެއިން ދަތުރުކޮށްފައި ދާތީ ފެންނަ ކޮންމެ ފުއްޕާހަމަކަށް ހަމަލާދީ ވައްޔާލަން ވެއްޖެ ނަމަ މޫސުމާ ބެހޭ ގޮތުން ހޯދަން ބޭނުންވާ މައުލޫމާތަށް ހުރަސްއެޅޭ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި މިހާރުވެސް ވައިގެ ތެރޭގައި އެތައް ސަތޭކަ ފުއްޕާހަމެއް ދަތުރުކުރާނެ އެވެ. ކޮމްޕިއުޓަރު ނެޓްވޯކް މެދުވެރިކޮށް އަދި މިހާރު ސްމާޓް ޑިވައިސްތަކަށް މޫސުމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށް ދިނުމުގައި ވެސް ފުއްޕާހަންތައް ބޭނުންކުރާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.
މޫސުމާ ބެހޭ ޖަމިއްޔާއިން މި މޭރުމުން ވާހަކަދައްކާފައި މި ވަނީ މިދާކަށް ދުވަހު އެމެރިކާގެ ވައިގެ ސަރަހައްދުން ޗައިނާގެ ފުއްޕާހަމެއް ފެނި -- އެހީ ޖާސޫސްކުރަން ޗައިނާއިން ފޮނުވި އުޅަނދެއް ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ.
އަނެއްކޮޅުން މި މައްސަލާގައި، އެމެރިކާ އާއި ޗައިނާއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވި އުންޑައާ ހިސާބަށް ގޮސްފައި ވަނިކޮށެވެ.
ޗައިނާ ބުނާ ގޮތުން މިސައިލް ހަމަލާއެއްގައި އެމެރިކާ ވައްޓާލީ މަދަނީ ބޭނުންތަކަށް -- މޫސުން ބެލުމަށް ފޮނުވި ހަމެކެވެ. އެމެރިކާ ބުނީ ޗައިނާގެ ބޭނުމަކީ ޖާސޫސްކުރުން ކަމަށެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާގެ ތަރުޖަމާން ކްލެއާ ނޫލިސް ވިދާޅުވި ގޮތުގައި މޫސުމާ ބެހޭ ގޮތުން މިހާރު އެނގޭ އެއްޗެއް ދެނެގަނެވެނީ އެތައް ލައްކަ ބައެއްގެ އެހީތެރިކާ އެކު އެވެ.
އޭނާ އަދި ވިދާޅުވީ ދުނިޔޭގެ މޫސުން ބެލުމަށް މިހާރު ވެސް 50 ސެޓެލައިޓް ބޭނުންކުރެވެ އެވެ.
އޭނާ ވިދާޅުވީ ނުދުވާ ގޮތަށް ކަނޑުގައި އަޅާފައި ހުރި 400 ކަނޑު ބޮޔާއި، އޮޔާ އެކު ދަތުރުކުރުމަށް 1،250 ކަނޑު ބޮއި ދޫކޮށްލާފައި ވާނެ ކަމަށެވެ. އެއީ ވެސް މޫސުން ދެނެގަންނަ އުޅަނދު ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސުން ބެލުމަށް ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރޭގައި 7،300 ކަނޑު ބޯޓާއި، 4،000 މަތިންދާބޯޓު، 1،000 މޫސުން ބަލާ ފުއްޕާ ހަންވެސް ވައިގެ ތެރޭގައި މިހާރު ވެސް ދަތުރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ