ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަ ހައްޖު ޖާގަތަކެއް

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމަށް ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
ސަރުކާރުގެ ހައްޖު ކުންފުނިކަމަށްވާ ހައްޖު ކޯޕަރޭޝަނުން ބުނީ 1444 ވަނަ އަހަރުގެ ހައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން، ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، 5 އިންސައްތަ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ، ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ހާއްސަކުރުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން 09 މާރިޗުގެ ނިޔަލަށް ކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން ހާއްސަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށްވެސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. އަދި މި ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީހަކީ 21 މާރިޗުގެ މެންދުރުފަހު 2:00ކަމުގައި އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ ތެރެއިން ރަސްމީ 1000 ކޯޓާ މިހާރު ލިބިފައިވާއިރު ކޯޓާ އިތުރުކުރުމަށް މަޝްވަރާކުރުމުގެ ވިސްނުން އެބަހުރިކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދީފައިވާއިރު، ކޯޓާތައް ބަހާނެގޮތެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ