ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން މާދަމާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.
މިދާއިރާގެ ގޮޑިއަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އިބްރާހިމް ޝާޒާއި، ޕީޕީއެމްގެ ފަރާތުން ހުސެން ރިޒާގެ އިތުރުން އެމްއެންޕީގެ ފަރާތުން ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އާރިފެވެ.
މި އިންތިހާބުގައި، ވޯޓުލުމަށް ހަމަޖައްސާފައިވަނީ، މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައިކަމަށް އީސީން ވަނީ ބުނެފައެެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލު 19 ވަނަ ދުވަހުގައެވެ.
މި އިންތިހާބުގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ބަހައްޓަން ނިންމާފައިވެއެވެ. އެގޮތުން، ގުޅީ ސްކޫލް، ގުރައިދޫ ކައުންސިލް އިދާރާ، ގުރައިދޫޔޫތު ސެންޓަރުގައި ވޯޓު ފޮޮއްޓެއް ބަހައްޓާނެއެވެ. އަދި މާފުށީ ސްކޫލުގައި ދެ ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެެވެ. މާލޭގައި ވޯޓުލުން ކުރިޔަށްދާނީ ޢިއްޒުއްދީން ސްކޫލްގައެވެ.
މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިރާއެއްގެ ގޮނޑިއެއް ހުސްވެ، އެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އެންމެފަހުން މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.
އެފަހަރު ބާއްވާފައިވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެއީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެފުރަތަމަ އިންތިޚާބުވި، މެމްބަރު ހުސެއިން ވަހީދު، 2021 ވަނަ އަހަރުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ.
ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ