މިސްކިތްތަކުގައި ސޯލާ ހަރުކޮށް ކަރަންޓް ބިލު ސުމަކަށް

ކުޅުދުއްފުށީ ހަތަރު މިސްކިތެއްގައި ސޯލާ ޕެނަލު ހަރުކުރުމަށް ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ތިން މިސްކިތެއްގެ ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
1.7 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ނެޓް މީޓަރިން އުސޫލުން ސޯލާ ހަރުކުރާނީ، ނޫރު މިސްކިތްތާއި ޖަމާއަތު މިސްކިތާއި ހަސަނާތު މިސްކިތް އަދި ފިރުދައުސް މިސްކިތުގަ އެވެ.
ސިޓީ ކައުންސިލުން ބުނީ، ފިނިފެހި ސިޓީގެ ޕްރޮޖެކްޓް ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ތިން މިސްކިތެއްގައި ސޯލާ ހަރުކޮށް ނިންމާލާފައިވާ ކަމަށެވެ. އެ ތިން މިސްކިތަކީ ފިރުދައުސް މިސްކިތާއި ހަސަނާތު އަދި ޖަމާއަތު މިސްކިތެވެ.
"މި މަޝްރޫ ދަށުން، މަސްޖިދުލް ހަސަނާތުގައި 25 ކިލޯވޯޓް، މަސްޖިދުލް ޖަމާއަތުގައި 20 ކިލޯވޯޓް އަދި މަސްޖިދުލް ފިރުދައުސްގައި 5 ކިލޯވޯޓްގެ ސޯލާ ހަކަތަ ނިޒާމު ގާއިމުކުރެވި ތިން މިސްކިތުގެ ކަރަންޓު ބިލް ސުމަކަށް ހެދިފައިވާ ކަމަށެވެ.
އަދި ދާއިމީ ގޮތެއްގައި 2 މިސްކިތުގައި އެއާކޯން ޖެއްސޭނެ އެވެ. ދާއިމީކޮށް އެއާކޯނު ޖައްސާނީ ހަސަނާތުގައި ޖަމާއަތު މިސްކިތުގަ އެވެ.
މި މަޝްރޫއާއެކު ކައުންސިލްގެ ބަޖެޓުން ކަރަންޓަށް ކުރާ ހޭދަ ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެކަން މޭޔަރު މުހައްމަދު އާތިފު ފާހަގަކުރައްވާ ވިދާޅުވީ، މިއާއެކު ދާއިމީ ގޮތެއްގައި އެއާކޯން ހަރުކޮށްފައިވާ މިސްކިތްތަކުގައި ފިނިކުރެވޭނޭ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
ނިމިދިޔަ އޭޕްރީލްމަހު އެއާކޯން ހަރުކޮށްފައިހުރި 3 މިސްކިތުގެ ކަރަންޓް ބިލަށް އެކަނިވެސް ޖުމްލަ 101,368.24 ރުފިޔާ ހަރަދުވެފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.
- މަސްޖިދުލް ހަސަނާތު = 42718.14ރ
- މަސްޖިދުލް ޖަމާޢަތު. = 33989.42ރ
- މަސްޖިދުލް ނޫރު. = 24660.68ރ
ސިޓީ ކައުންސިލްގެ “ފިނިފެހި ސިޓީ” ޕްރޮޖެކްޓްގެ ތެރެއިން ހިންގަމުންދާ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މި މަޝްރޫއާއެކު ސިޓީ ކައުންސިލުން މުޅިން އަލަށް ތިމާވެއްޓާ ރައްޓެހި ފެހި ހަކަތަ ބޭނުންކުރަން ފެށިގެންދާނެ ކަމަށާއި އަމާޒަކީ ސިޓީ ކައުންސިލްގެ ދަށުގައި ހުރި ގިނައިން ހަކަތަ ބޭނުންކުރާ ތަންތަން ކައުންސިލްގެ މިދައުރުގެތެރޭގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ