ތިންވަނަ ދައުރަކަށް ޗައިނާގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ޝީ ޖިންޕިންއަށް ގާސިމް ތަހުނިޔާ ދަންނަވައިފި

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް ކަމުގެ މަގާމަށް، ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތް ޝީ ޖިންޕިންއަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތަހުނިޔާ ދަންނަވައިފިއެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައިވަނީ ޗައިނާގެ ރައީސް އާއި ބޮޑު ވަޒީރަށް ތަހުނިޔާ ދަންނަވައި ފާއިތުވި ދައުރުގައި ޝީގެ ލީޑަރޝިޕްގެ ދަށުން ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ގާސިމް މިފަދައިން ވިދާޅުވިއިރު ރާއްޖެއާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ މި އަހަރު ވަނީ 50 އަހަރު ފުރިފައެވެ.
ޗައިނާގެ ޕާލަމެންޓުން ޝީއަށް ތިންވަނަ ދައުރެއް ދީފައި ވަނީ، އެ ގައުމުގައި ރައީސްކަން ކުރެވޭނީ ދެ ދައުރަށް ކަމަށް ބުނާ ގާނޫނަށް 2018 ވަނަ އަހަރު ބަދަލު ގެނައުމަށް ފަހުގައެވެ. ޗައިނާގެ ޕާލިމެންޓް ކަމަށްވާ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިން، އެ ގައުމުގެ ރައީސްގެ މަގާމަށް ޝީ އިންތިޚާބުކޮށްފައި ވަނީ އެންޕީސީގައި ތިއްބަވާ ގާތްގަނޑަކަށް 3,000 މެމްބަރުން އިއްތިފާގުންނެވެ.
އެންޕީސީއިން ޗައިނާގެ އައު ނައިބު ރައީސްކަމަށް އިންތިހާބުކުރީ އުމުރުން 68 އަހަރުގެ ހާން ޒެންގެވެ. އަދި، މަޖިލީހުގެ އައު ޗެއާއަކަށް ހޮވާފައި ވަނީ އުމުރުން 66 އަހަރުގެ ޒާއޯ ލެޖީއެވެ.
ޗައިނާގެ ރައީސްގެ މަގާމަށް އެންމެފުރަތަމަ ޝީ އިންތިޚާބުވެވަޑައިގަތީ 2013 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ