މޫސުން: އިއްޔެއާ ޚިލާފަށް މިއަދު އުދައެރުމުގެ ފުރުސަތު ކުޑަ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދިޔަވަރު ބޮޑުވި ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރި ނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރު އުދައިގެ އަސަރުކުރުމުގެ ފުރުސަތު ކުޑަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ފާއިތުވި ފަސް ވަރަކަށް ދުވަހު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް ވެސް ވިއްސާރަކުރިއެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސް ވިއެވެ.
އެކަމަކު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިންވެސް ލަފާކުރި ގޮތަށް، މިއަދުން (އާދީއްތަ ދުވަހުން) ފެށިގެން މޫސުން ރަނގަޅުވާން ފަށާނައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބައެއް ވަގުތުގައި ރާއްޖޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނަކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ވައިޖެހެނީ 10 މޭލާއި 20 މެލާ މެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ.
ފާއިތުވި 24 ގަޑިއިރާ އަޅާ ބަލާއިރު ވައިޖެހޭނެ ކަމަށް ލަފާކުރާ ބާރުމިން ދަށްވެފައިވީ ނަމަވެސް، އަދިވެސް ވައިގެ ބާރުމިން ދަށޭ ބުނާ ވަރަކަށް ދަށެއް ނުވެއެވެ.
ލަފާކުރެވޭ ގޮތުގައި، މުޅި ރާއްޖެއަށްވެސް ކަނޑުތައް ގަދަވާނެކަމަށް މެޓުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.
ކަނޑުތައް ގަދަވާނެތީ ރައްޔިތުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފައި ވެއެވެ.
ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރުމަހުގެ ނިޔަލަށް ކުރާ ވިއްސާރައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ