އަނިޔާގެ މައްސަލަތައް ތަކުރާރުވަނީ އެކަށީގެންވާ އަދަބެއް ނުދީ ދޫކޮށްލާތީ: މެމްބަރު ރޮޒައިނާ

އަނިޔާގެ މައްސަލަތައް ތަކުރާރުވަނީ އެކަށީގެންވާ އަދަބެއް ނުދީ ދޫކޮށްލާތީ ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މެމްބަރު ރޮޒައިނާ މިފަދައިން ވިދާޅުވީ، އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ގދ. މަޑަވެލިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރޮޒައިނާ ވިދާޅުވީ، އަނިޔާކުރަން ކެރެނީ، އަނިޔާކުރާ މީހުން ހައްޔަރުކޮށް "200 ރުފިޔާއިން ޖޫރިމަނާކޮށްފައި ދޫކޮށްލާތީ" ކަމަށެވެ. މިމުޖުތަމައުގައި ނުރައްކާތެރި މީހުންގެ ތެރޭގައި [އަންހެނުންނަށް އަނިޔާކުރާ މީހުން] ހިމެނޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ފުލުހުން ބުނީ މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށައެޅުމާއިއެކު މިމިއްސަލައާއި ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާއަށް މަޑަވެލި ހެލްތް ސެންޓަރުގައި ވަނީ ފަރުވާދީފައެވެ. އަދި އޭނާއަށް ދޭންޖެހޭ ރައްކާތެރިކަމާއި ނަފުސާނީ އެހީތެރިކަން ޖެންޑަރ މިނިސްޓްރީން ކަށަވަރުކޮށްދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ގެވެށި އަނިޔާ ލިބުނު މީހާއަކީ ކުޑަކުއްޖެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރީ ގޯސްކޮށް ކަމަށެވެ. އަދި އަންހެން މީހާއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނަކަށް ވާތީ ޖެންޑާ މިނިސްޓްރީގެ އެހީތެރިކަން ދީފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، އެ މީހާއާ ގުޅޭ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުންދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މަޑަވެލީގައި އަންހެނަކަށް އަނިޔާކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިހާރު ދައުރުވަމުން އަންނައިރު މި މައްސަލައިގައި ތުހުމަތުވާ މީހާގެ އަމަލުތަކާއިމެދު ނުރުހުން ފާޅުކޮށް އޭނާ ހައްޔަރުކުރުމަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ