ވެރިކަން ލިބިއްޖެނަމަ އެސްއެމްއީ ލޯނުތައް މަޢާފުކޮށްދޭނަން: ގާސިމް

ވެރިކަން ލިބިއްޖެނަމަ އެކި ނަންނަމުގައި ސަރުކާރުން ބަޖެޓުގައި ޖަހައިގެން ދީފައިވާ ލޯނުތައް މަޢާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގަ މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ސަރުކާރުން ރައްޔިތުން ދަރަނިވެރިކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން ދުރާލާ ރައްޔިތުން ދަރަނިވެރިކުރުމުގެ ނިޔަތުގަ ތަފާތު އެކިއެކި ނަންނަމުގަ ލޯނުތައް ދެމުން އަންނަ ކަމަށާއި އެގޮތުން އެސްއެމްއީ ލޯނުފަދަ ލޯނުތައް ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ރައްޔިތުންނަށް ފައިސާ ބަހަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ލޯނުތައް މަޢާފުކޮށްދެއްވާނީ އިންސާފުގެ މަގަށް ގެނައުމަށްޓަކައި ކަމަށާއި ލޯނުތައް މަޢާފުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ނެގެހެއްޓުން ގުޅިފައި ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ މައްޗަށް ކަން ފާހަގަކުރައްވާ ގާސިމް ވަނީ ވޯޓު ދެއްވާއިރު ރިޔާސީ އިންތިޚާބުގެ ރޭހުގައި ތިއްބެވި ބޭފުޅުންނާމެދު ވިސްނައިވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.
މާޒީއަކީ މުސްތަގުބަލަށްޓަކައި ބަލާ ލޯގަނޑު ކަމަށާއި އެހަމައިން ވިސްނާ ކަމަށްވާނަމަ އެމަނިކުފާނާ ގާތަށް އާދެވޭނެ ވަރުގެ ސިޔާސީ ބޭފުޅަކު ނެތް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ