ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނުތަކެއް މައާފުކޮށްދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހައި އެސްއެމްއީ ލޯނެއް މައާފުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގަ މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.
ގާސިމް ވިދާޅުވީ ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގަ މިއަދު ނެތް ކަމަށާއި މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މައާފުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ހެޔޮ ދެ ބިލިއަން ނުވަތަ ތިން ބިލިއަންގެ ލޯނެއް ނަގާފަ ހުއްޓަސް. ހަމަ އެދުވަހުން ފެށިގެން މައާފުކޮށްދޭނަން. ހުރިހާ ބޭފުޅުންގެ ލޯނެއް ޒީރޯ. އެއްވެސް ހަމައެއް ލަމައެއް ނެތި މިކަން ކުރަމުން ގެންދަނީ. ސަރުކާރުން ބޭނުންވާ ޕޮލިޓިކަލް އެޖެންޑާއެއް ހާސިލްކުރުމަށްޓަކައި ވަރަށް އިންސާފެއްނެތި އެކަން ކުރާތީ." ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ލޯނުތައް މައާފުކޮށްދެއްވާނީ އިންސާފުގެ މަގަށް ގެނައުމަށްޓަކައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ރައްޔިތުން ދަރަނިވެރިކުރަމުން އަންނަ ކަމަށާއި ސަރުކާރުން ދުރާލާ ރައްޔިތުން ދަރަނިވެރިކުރުމުގެ ނިޔަތުގައި ތަފާތު އެކިއެކި ނަންނަމުގައި ލޯނުތައް ދެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އެސްއެމްއީ ލޯނުފަދަ ލޯނުތައް ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ރައްޔިތުންނަށް ފައިސާ ބަހަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ނެގެހެއްޓުން ގުޅިފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާގެ މައްޗަށްކަން ހަނދާންކޮށްދެއްވަމުން ގާސިމް ވަނީ އެންމެހައި ފަރާތްތަކުން ވެސް ވޯޓު ދެއްވާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކާއި މެދު ފުންކޮށް ވިސްނައިލުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ