މަންޑޭގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކުރަން ކޯޓުން އަމުރުކޮށްފި!

"ކޭ ޕާކް ރެޒިޑެންސް" ފްލެޓުތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މަންޑޭގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ، ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، މި އަހަރު މެއި މަހުގައެވެ. ޖިން ޝިހޫއަކީ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކުންފުނީގެ މައި ހިއްސާދާރެވެ. އޭނާއަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުވެސްމެއެވެ.
މަންޑޭގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާންޖެހުމާ ގުޅިގެން، ކުރީގެ އަމުރު މުރާޖަޢާ ކުރުމަށްފަހުގައެވެ. އަދި 45 ދުވަސް ތެރޭގައި އޭނާ އެނބުރި ރާއްޖެއަށް އައުމަށް ކްރިމިނަލް ކޯޓުން ވަނީ ޝަރުޠުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނާއި ދިވެހި ފުލުހުންގެ އިދާރާއިން ބުނެފައިވަނީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރާނެކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ކަންބޮޑުވުންވެސް ފައުޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ