ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްނުދީ ނިންމާލަން ހިތެއް ނުރުހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ކެމްޕެއިން ފެށުމަށް މާމިގިލީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މި ގައުމު ސަލާމަތްކަމާއި އަމާންކަންމަތީ ދަމަހައްޓާ ނަގަހައްޓަން ތިއްބެވި، ފުލުހުންނާއި ސިފައިންނަށް ބޯހިޔާވަހިކަން އޭނާގެ ވެރިކަމެއްގައި ހިލޭ ފޯރުކޮށްދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ފްލެޓް އަޅާ ވާހަކަ ދެކެވެމުންދާ ކަމަށާއި އެކަމަކު އެކަން ހަގީގަތަަކަށްވެ ހަވާލު ކުރެވޭނެ ދުވަހެއް ނާންނަ ކަމަށެވެ.
އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮންމެ ސިފައިންގެ ބޭފުޅަކު ވެސް އެ މީހަކަށް އެކަށީގެންވާ މި ޒަމާނުގައި ތައްޔާރު ކުރެވޭ ރަނގަޅު އެކޮމޮޑޭޝަނެއް ޕްރޮވައިޑްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބަންޑާރަ ކޮށީގެ އެއްބައި ހުސްކޮށް، އެތަންތަން ބައިބަޔަަށް ބަހާލައިގެން 15 ބުރިއަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ފުލުހުންނަށް ވެސް އެ ހިދުމަތް އެ ގޮތުގައި ފޯރުކޮށްދޭން ގަސްތު ކުރައްވާ ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ ވަޒީފާ އަދާ ކުރާ ބޭފުޅުން ކަމަށް ވަންޏާ އެތަނުގައި، މާލޭގައި ކަަމަށް ވަންޏާ މާލޭގައި، އަދި ރާއްޖޭގެ އެހެން ތަނެއްގައި ތިއްބެވި ބޭފުޅުން ކަމަށް ވަންޏާ އެތަނުގައި ބޯހިޔާވަހިކަން ފޯރުކޯށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޖޭޕީ އާ އަލަށް ގުޅިވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ތައުރީފް ކުރައްވަމުން ވިދާޅުވީ ޑރ. ވަހީދަކީ އިގްތިސާދާއި، އިޖްތިމާއީ އަދި އަދާލަތު ހަމައަކަށް އެޅުމަށްޓަކައި ދިމާވި ގިނަގުނަ ކަންކަމާއި ހަލަބޮލި ކަމެއްގެ ތެރޭގައި ނައިބް ރައީސްއަކަށް ހުންނަވަފައި، ރައީސް ކަމަށް ވަޑައިގެން އެ ލިބިލެއްވި ފުރުސަތުގެ ތެރޭގައި މި ގައުމުގެ މިނިވަންކަން ނަގަހައްޓާ ދަމަހައްޓާ ދެއްވި ގައުމީ ބަތަލެއް ކަމަށެވެ.
އެގޮތުން ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދިވެހިންގެ އަތުން ބީވިޔަ ނުދީ މަސައްކަތް ކޮށްދެއްވާފައިވަނީ ޑރ. ވަހީދު ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްނުދީ ނިންމާލަން ހިތެއް ނުރުހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ