އަލީ ވަހީދު މައްސަލާގައި ސަރުކާރު ކުރިމަތީގައި ސުޕްރީމް ކޯޓު ކުޑަކަކޫ ޖަހައިފި

ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލިފައިވަނިކޮށް ފިއްލެވި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި 2 މަސްދުވަހުގެ ހުކުމް ސަރުކާރުގެ ފިއްތުންތަކާއެކު ސުޕްރީމް ކޯޓުން ބާތިލުކޮށް، ސަރުކާރު ކުރިމަތީ ކުޑަކަކޫ ޖަހައިފިއެވެ.
އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން އެ ވުޒާރާގެ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރެއްވިކަމަށް ތުހުމަތުވެ، ދައުވާކުރަން ފޮނުވާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި އިނގިރޭސިވިލާތަށް ވަޑައިގަތުމުން އެ މައްސަލައިގެ ޝަރީޢަތްތައް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.
އެ މައްސަލާގައި އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީޢަތުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަށް އަޑުއެހުންތައް ބޭއްވުމަށް ކުރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ހިންގި އިސްތިއުނާފީ އަޑުއެހުންތަކަށް ހާޒިރުވުމަށް އަލީ ވަޙީދު ދެކޮޅުހެއްދެވުމުން ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް 2 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން ޗިޓުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް އަލީ ވަހީދު ހާޒިރުވެވަޑައިނުގަތުމުން އޭނާގެ މައްޗަށް ކޯޓުން އިއްވީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމުގެ ހުކުމެކެވެ. އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައެވެ.
ނަމަވެސް އެ ހުކުމް އިއްވާފައިވަނިކޮށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް އިނގިރޭސިވިލާތަށް ވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަލީ ވަޙީދާ ބައްދަލުކުރައްވައި އޭނާގެ މައްޗަށް ތުހުމަތުވެފައި އޮތް މައްސަލަ ކުރިއަށްނުގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އެއަށްފަހު އެ މައްސަލަ ހުށަހެޅި އަންހެނުންނަށް ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުވައި އެ މައްސަލާގައި އެމީހުން ހެކިބަސް ނުދޭނެކަމަށް ބުނުވަން މަޖުބޫރުކުރުވުމާއެކު، ހުށަހެޅި ހުރިހާ ދައުވާތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެނައެވެ.
މައްސަލަތައް އަނބުރާ ގެނައި ނަމަވެސް ރާއްޖެއަށް އަލީ ވަހީދު ވަޑައިގަތުމުން 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހިވަޑައިގަންނަވާނެތީ ރާއްޖެއަށް ވަޑައިގެން ރައީސް އިބްރާހީމުގެ ރިޔާސީ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށް އަލީ ވަޙީދު ފަސްޖެހިވަޑައިގަންނަވާތީ ސަރުކާރުން ސުޕްރީމް ކޯޓަށް ފިއްތުން ކުރިމަތިކުރުވައި އަލީ ވަޙީދުގެ ހުކުމް ބާތިލުކުރިއެވެ.
އެއިރު އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން 2 މަސްދުވަހުގެ ހުކުމެއް އިއްވިއިރު ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ވަކި މީހެއްގެ މައްޗަށް ޝަރީޢަތް ނުހިންގައި ކޯޓުތަކުން އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި ޝަރުއީ ނިޒާމުގެ އިތުބާރު ނަގަހައްޓައި، އެއީ ހުރިހާ އެންމެ މައްޗަށް ހަމަހަމަކަމާއެކު ހިންގާ ނިޒާމެއްކަމުގެ ޔަގީންކަން ދިނުމަށް އަލީ ވަހީދަށް ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެނެސް އޭނާއަށް އިއްވި ހުކުމް ބާތިލުކޮށް، އަނބުރާ ރާއްޖެއަށް ވަޑައިގަތުމުން އެއްވެސް އަދަބަކާ ކުރިމަތިލައްވަންނުޖެހޭނެ ގޮތް ސަރުކާރުން ފަހިކޮށްދިނުމާއެކު މިއަދު އޭނާ ރާއްޖެއަށް ވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ